މާލެ ސަރަހައްދުގެ 14 ބިމެއް ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމީ، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބި ތަރައްގީގެ މަޝްރޫއުތައް ލަސްވަމުންދާތީ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މަސް މާރުކޭޓާ، ސަލްޓަން ޕާކާ، އަދި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭގެ 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައިވާކަން ހައުސިން މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ނިންމުމާ ގުޅިގެން ކައުންސިލުން ވަނީ ކުއްލި ޖަލްސާއެއް ބާއްވައި، ކޯޓަށް ދާން ނިންމާފައެވެ. ކައުންސިލުން ބުނާ ގޮތުގައި އެއީ އާމްދަނީ ލިބޭ ބިންތަކަކަށްވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ތަރައްގީގެ މަޝްރޫއުތައް ވަކި ތާރީހަކަށް ނިންމަން ވައުދުވެފައި އޮއްވައި، އެއްވެސް ފަރާތަކާ ހެދި އެކަންކަން ލަސްވާކަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމުގައި އެއްވެސް ކޮމްޕްރޮމައިޒް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.