ފުލުހުންގެ ހިދުމަތަށް ރިޕޯޓްކުރެވޭ ސައިބާ ކުށުގެ މައްސަލަތަކުގެ 68 ޕަސެންޓަކީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ސީޕީ މިކަން ހާމަކުރެއްވީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ސައިބާ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން މިއަދު ދެއްވި ހާއްސަ މެސެޖެއްގައެވެ.

ސީޕީގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައެވެ. އަދި އޭގެ ބޮޑު ބައެއް ސޯޝަލް މީޑިއާއާ ގުޅިފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖާއި އަޑާއި ވީޑިއޯ އުފައްދައިގެން ރައްޔިތުން މަޅީގައި ޖެއްސުމަށް ކުށްވެރިން ނުރައްކާތެރި އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 ޕަސެންޓް މީހުން އިންޓަނެޓާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުން އަންނަކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ޑިޖިޓަލް ވަސީލަތްތަކުން ލިބޭ ލުއިފަސޭހަތަކާ އެކުއެކީގައި، އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވާ ނުރައްކާތައްވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. މީގެއިތުރުން، ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގައި ފާހަގަކުރެވެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަކުރުމުގެ ސަބަބުން ކަންކަން ދިމާވާ މަންޒަރު ކަމަށާއި، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ ސިއްރު މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމަކީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ކަމަށް ވިދާޅުވިއެވެ.

މި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އެކައުންޓްތަކުގައި ވަރުގަދަ ޕާސްވޯޑާއި "ޓޫ-ފެކްޓަރ އޮތެންޓިކޭޝަން" ބޭނުންކުރުމަށާއި، ކާކުކަން ކަށަވަރުނުވާ މީހުންނަށް އިތުބާރު ނުކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް އާންމުންގެ ޒާތީ މައުލޫމާތު އަމާނާތެއްގެ ގޮތުގައި ބަލައިގަނެ ރައްކާތެރިކުރުމަށާއި، އައިޓީ ނިޒާމުތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ގޮވާލެއްވިއެވެ.

ސައިބާ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެ ފަހުގެ ވަސީލަތްތަކާއެކު ފަންނީ ގާބިލުކަން އިތުރުކުރަމުންދާއިރު، މިކަމަކީ ހަމައެކަނި ތަންފީޒީ އިދާރާއަކުން ކުރާ މަސައްކަތުން ހާސިލުވާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ހިނގާ އޮކްޓޫބަރު މަހު މާލެއާއި އަތޮޅުތަކުގައި ފުލުހުން ކުރިއަށްގެންދާ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގައި އާންމުން ބައިވެރިވުމަށާއި، އާއިލާގެ ތެރޭގައި މި ވާހަކަތައް ދައްކައި، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ޑިޖިޓަލް ރައްކާތެރިކަމަށް ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.