މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ ރައްޔިތުންނަށް ނުރައްކާވާ ގޮތަށް އަމަލުކުރަމުންދިޔަ މީހެއްގެ މައްސަލައިގައި ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި މުހައްމަދު ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދިން ޔަގީންކަމާ ގުޅިގެން ގާތްގަނޑަކަށް 35 ގަޑިއިރަށްފަހު މިއަދު ނިންމާލައިފިއެވެ.
މި މައްސަލައަކީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އަހުމަދު ފައިރިޝް ކިޔާ މީހަކު، މަގުމަތިންދާ މީހުންނަށް ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާއި، ގަޔަށް ތެލާއި ފެން އުކުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، އަދި ހުއްދަނެތި ގެތަކަށް ވަނުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގަމުން ދިޔުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް އެދި ސައީދު ފުރަތަމަ އިހުތިޖާޖު ފެށީ ފުލުހުންގެ މައި އިދާރާގައެވެ. ނަމަވެސް އެ އިމާރާތުން އޭނާ ނެރުމާ ގުޅިގެން، އިހުތިޖާޖު މަޖީދީމަގަށް ބަދަލުކޮށް އާއިލާއާ އެކު ކުރިއަށް ގެންދިޔައެވެ.
ހަޅުތާލު ނިންމާލުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ސައީދު ބުނީ، ހަޅުތާލު ހުއްޓާލަން ނިންމީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން މި މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބުމާ ގުޅިގެން ކަމަށެވެ.
ސައީދު ފާހަގަކުރި ގޮތުގައި، ރޭގެ ވަރަށް ދަންވަގުތެއްގައާއި އަދި މިއަދުވެސް ޕީޖީން އޭނާއާ ގުޅުއްވައި، ކުރިއަށް އޮތް ތަނުގައި މި މައްސަލައިގައި ޕީޖީގެ ފަރާތުން ފިޔަވަޅުތައް އަޅުއްވައި، މައްސަލަ ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށާއި އޭނާގެ އާއިލާއަށް ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ފުލުހަށް މީގެ ކުރިން ހުށަހަޅާފައި ހުރި ބައެއް މައްސަލަތައް ފައިލްކޮށް ބަންދުކޮށްފައި ހުރި ނަމަވެސް، އެ މައްސަލަތައް އަލުން ހުޅުވައި، އޭގައި ހުރި ކަންބޮޑުވުންތައް ބައްލަވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި ކަމަށް ސައީދު ބުންޏެވެ. އަދި ކުރިން ފުލުހަށް ހުށަނޭޅި ހުރި މައްސަލަތައް އަލުން ލޮގްކުރުމުގެ ފުރުސަތުވެސް މިނިސްޓަރު ދެއްވާފައިވާ ކަމަށާއި، ހަޅުތާލު ނިންމާލީ އެ ހުރިހާ މައްސަލަތަކެއް ފުލުހަށް ރަސްމީކޮށް ހުށަހެޅުމަށް ފަހުގައި ކަމަށް އޭނާ ހާމަކުރިއެވެ.
އިންޓަވިއު ނިންމާލަމުން ސައީދު ވަނީ މި މައްސަލައާމެދު އާންމުން ހޭލުންތެރިކުރުވުމުގައި މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި ފަރާތްތަކުން އަދާކުރި ދައުރަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާއްސަކޮށް އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރު (އިއްސެ)، ރޭ މާލެ ވަޑައިގެންނެވި ވަގުތުން ފެށިގެން މިއަދު ހެނދުނު 10:00 އާ ހަމައަށް އެމީހުންނާއެކު ވަގުތު ހޭދަކުރައްވައި ހިތްވަރު ދެއްވި ކަމަށްޓަކައި މެންބަރަށް ވަރަށް ހާއްސަ ޝުކުރެއް ސައީދު ވަނީ ރައްދުކޮށްފައެވެ.
