ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ރެޑް ނޯޓިސް ނެރެގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލަން އަމުރު ކޮށްފައި ވަނީ މި މައްސަލައިގައި އެމީހާގެ މައުލޫމާތު ޕީޖީން ސާފުކޮށް ކޯޓަށް ހުށަނާޅާ އޮތުމުން ކަން ހާމަވެއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު މާލޭގައި ހުންނަ ޗީބޯ ކެފޭގެ ގޯޅިތެރޭގައި ހިންގާފައިވާ މާރާމާރީއެކެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ތިން ފިރިހެނަކު ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ އިރު، އެމީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ވަނީ ނެރެފައި ކަމަށެވެ. އެގޮތުން އެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ފިލައިގެން ގޮސް ތައިލެންޑްގައި އުޅެނިކޮށް އެ ގައުމުން އެމީހުން ޑީޕޯޓް ކޮށްލުމުން ރާއްޖެ އައި ވަގުތުގައެވެ.

މި މަހުގެ 18 ވަނަ ދުވަހު އެކަކު ހައްޔަރު ކޮށްފައިވާ އިރު އަނެއް ދެމީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އެއާޕޯޓުން ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރީ، އުމުރުން 26 އަހަރުގެ، ހ. ދޮންތުނޑި، މުހައްމަދު އަހުސަމް އާއި އުމުރުން 28 އަހަރުގެ ލ. ގަން، މުކުރިމަގު މޫރިތި، އަސްވާން މުހައްމަދު އަދި އުމުރުން 19 އަހަރުގެ މ. މަސްކޮތަންގެ، މުހައްމަދު ސިބްތު އަބްދުﷲ އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަސްވާން މުހައްމަދު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި ދެން ތިބި ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައެވެ.

އަސްވާން ބަންދުން ދޫކޮށްލި ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާއާ މެދު ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ނެތް ކަމަށާއި އަދި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ، އަސްވާންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ބެލިއިރު، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ވާތީ އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަަމަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކޮށް ޕީޖީން ވަނީ މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް އަސްވާންގެ މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިއިރު، އޭނާގެ އެޑްރެސް ސާފުވެފައި ނުވާތީ، އެޑްރެސް ސާފު ކުރުމަށްފަހު އަލުން ކޯޓަށް ހުށަހެޅުމަށް ޕީޖީ އޮފީހަށް މި މައްސަލަ އޮގަސްޓް 20 ވަނަ ދުވަހު ވަނީ ފޮނުވާލާފައެވެ. އެއަށްފަހު އެޑްރެސް ސާފުކޮށް ޕީޖީން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

މީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާފައި ވަނީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން މީނާ ހައްޔަރު ކޮށްގެން ކަމުގައި ވިޔަސް އަދިވެސް ފުލުހުން ފާހަގަކޮށްފައި ވަނީ އޭނާ ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހު ހިންގާފައިވާ މާރާމާރީގެ މައްސަލައާ ގުޅިގެން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އަދި ފިލާފާނެ ކަަމަށް ބުނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ދިފާއުން ބުނެފައި ވަނީ، މާރާމާރީގެ ތުހުމަތު ކުރާ ނަމަ އެ ތުހުމަތު ކޮށް މައްސަލަ ހުށަހަޅަން ޖެހޭނީ ޕީޖީން ކަމަށެވެ. އަދި އޭނާ ފިލައިގެން އުޅުނު ކަމަށް ހައްޔަރު ކުރާ ނަމަ ފުލުހުންނަށް އެ މައްސަލަ ހުށަހެޅިދާނެ ކަމަށް ވެސް ދިފާއުން ބުނެފައި ވެއެވެ.