ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހަކަށް އިންޒާރުދީ ފުލުހަކަމަށް ހަމަލާދިން މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލެ، އިއްޒުއްދީން މަގާއި ގަނދަކޯޅީ މަގު ގުޅޭ ކަންމަތީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:15 ހާއިރު ގްރޫޕް ހަދައިގެން ތިބި ބަޔަކު، ފުލުހުން ފެނުމުން އެމީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލައި ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އިންޒާރުދީ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންގެންދާ ކަމަށާއި މި މައްސަލައާ ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއީ:
- އަހްމަދު ރަޒީން އަލީ (22އ)، މިސްކިތްމަގު، ކެމީ - ޏ. ފުވައްމުލައް
- ނާފިއު އިބްރާހިމް (30އ)، ފުނާޑު، ނަމަން - ޏ. ފުވައްމުލައް
- މުހައްމަދު ލުވޭޒު (19އ)، އިރާކުވިލާ - ގދ. ގައްދޫ
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމް ރަޒީން 5 ދުވަހަށް، ނާފިއު 2 ދުވަހަށް އަދި ލުވޭޒު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ މި 3 މީހުންނަކީވެސް ދިވެހި ފުލުހުންގެ ހިދުމަތުގައި ޖިނާއީ ކުށުގެ ރެކޯޑް އޮންނަ 3 މީހުން ކަމަށެވެ.
