ގްރޫޕް މާރާމާރީއެއް ހިންގައި ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ކުރީކޮޅު މަރާލި އަހްމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2021 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ މާމެންދޫގައި ހިންގި މާރާމާރީއެެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އުދައްޔުގެ (17 އ) މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ.
އެއީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންއެވެ.
އެ ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދެން އެ މައްސަލައިގައި ދައުވާ އުފުލި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ދައުވާ ސާބިތެއް ނުވެއެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
ޝަމީމްއާއި މާޒިންގެ މައްޗަށް ހުކުމް އިއްވަން މިއަދު ބޭއްވި އަޑު އެހުމުގައި ގާޒީ ވިދާޅުވީ އުދައްޔުގެ ވާރިސުން ބޭނުން ވަނީ މަރަށް މަރު ހިފުން ކަމަށެވެ.
އެގޮތުން ޝަރީއަތުގައި އުދައްޔުގެ ބައްޕަ ބުނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު، މަރަށް މަރު ހިފުމުގެ އަދަބު ދޭން ބޭނުންވާ ކަމަށެވެ. އަދި އުދައްޔުގެ މަންމަ ބުނީ ތެދަށް ހިނގި ގޮތް ކިޔައިދީފިނަމަ މާފު ދެވިދާނެ ކަމަށް ނަމަވެސް ފަހުން ގާޒީ ވަކި ގޮތެއް އިހުތިޔާރު ކުރަން އެންގެވުމުން މަންމަ ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.
އެހެންވެ މަރުގެ ކުށް ސާބިތުވި ދެ މީހުންނަށް ވެސް މަރުގެ އަދަބު ދިނުމަށް، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފައެވެ. ދެން މި މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި ޝަރަފް ހަތް އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި އުއްދަޔު މަރުވި ހަމަލާ ދިން ކަމަށް ބުނަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް އޭރު ވަނީ 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.