ހުޅުމާލޭގައި މިއަދު ހިންގި މާރާމާރީއަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 17:07 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެޗް7 ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާކަމަށެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް މިހާރު ދައުރުވަމުން ދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ދެ އަންހެނަކު އެކަކު އަނެކަކުގެ އިސްތަށިގަނޑަށް ދަމާ މާރާމާރީ ހިންގަމުން ދިޔަ އިރު އެތާ ކައިރީ ދެ ފިރިހެނަކުވެސް މާރާމާރީ ހިންގާފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ 4 މީހަކު ހައްޔަރުކޮށްފައި ވާކަމަށާއި، އެއީ 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނެއްގެ އިތުރުން 27 އަދި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
މާރާމާރީ ހިންގުން އިތުރުވަމުން ދާއިރު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމުލަ މާރާމާރީ ނުވަތަ ޑޮމެސްޓިކް ވަޔޮލެންސްއާއި ގުޅޭ 233 ކޭސް އެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ މިފަދަ 19 ކޭސް އެއް ރިޕޯޓުކޮށްފައެވެ.