ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލް މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގިރު މިއާ ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖް ބަލައިގެންނާއި އަދި އެހެނިހެން ގޮތް ގޮތުން ތަހުގީގު ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޯޓުކޮށްގެން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 އިން އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެކުރިން ބުނެފައި ވަނީ މި މާރާމާރީގައި ޒަހަމްވެފައިވާ ނޭޕާލްއަށް ނިސްބަތްވާ 21 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާއަކީ ހުޅުމާލެ ފޭސް 1 ގެ ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.