ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށާއި، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި މީހަކަށް ނުބައްލަވާނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްކަމަށް ކުރިމަތިލެއްވި އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ތާވަލުކުރީ އައްބާސް އާ އިންޓަވިއުކުރުމަށެވެ.

"އަޅުގަނޑު ޕާސަނަލީ އަރުވާ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އެއްވެސް މީހެއްގެ މޫނަކަށް އަޅުގަނޑު ނުބަލާނަމޭ، ހުށަހެޅިފަ އޮންނަ މައްސަލައަށް ބަލައިގެން ނޫނިއްޔާ އަޅުގަނޑުގެ ޑިސިޝަންތަކެއް ނުނަގާނަމޭ،" މިވަގުތު ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމް ފުރުއްވަމުން ގެންދަވާ އައްބާސް ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ، ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވެ، އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލުމާ ގުޅިގެން އޭނާގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހެޅުމުން ނޫސްތަކުގެ ސުރުހީތަކަށް އެރި ކަމަށާއި، އޭނާ ކުރިމަތިލައްވާކަން މީހުންނަށް އެނގުނީ އެ ހިސާބުން ކަމަށެވެ. އައްބާސް ވިދާޅުވީ ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށް އޭނާ ކުރިމަތިލުމަށް ސިޔާސީ އެއްވެސް ބޭފުޅަކު ވިދާޅުވެފައި ނުވާނެ ކަމަށެވެ.

އެއާއެކު ބައެއް ބޭފުޅުން އޭނާ އަށް މަރުހަބާ ދެންނެވި ކަމަށް އައްބާސް ވިދާޅުވިއެވެ.

2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގައި ފަނޑިޔާރުކަން ވެސް ކުރެއްވި އައްބާސް ވިދާޅުވި ގޮތުގައި، ފަނޑިޔާރުކަން ކުރެއްވި ދުވަސްވަރު ވެސް މައްސަލަތައް ވަކި ކޮޅަކަށް ނިންމުމަށް އެދި ފޯނު ކޯލްތައް ލިބިފައިވެއެވެ. އޭނާ މަގުމަތިން ފެނުމުން ބައެއް މީހުން އެއްޗެހި ކިޔައި ފުޅިބުރި ފަދަ ތަކެތި އުކައި ހެދި ކަމަށާއި، އެވަރުން ވެސް އެއްވެސް ނުފޫޒެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށް އައްޔަންކޮށްފިނަމަ ނަޒާހާތްތެރިކަމާ އެކު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިިއެވެ.

"ރިއަލިޓީއަކީ ކޯލް އަންނާނެ، ކުރާނެ، ބައްދަލުކުރަން ވެސް ބޭނުންވާނެ، އެއީ ދިވެހިންވީމަކާ އެއް ނޫން މުޅި ދުނިޔޭގަ ވެސް އެކަން ހިނގާ ގޮތް، އެކަމަކު އެ ދުވަހު ވެސް އަޅުގަނޑު ކަންކުރީ އެގޮތަށް، ދެން ވެސް އެ ސްޕިރިޓުގަ އަޅުގަނޑު އެގޮތަށް ކަންކުރާނީ،" ހައިކޯޓުގައި މަސައްކަތްކުރެއްވި ދުވަސްވަރަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.

ހަމަ އެއާއެކު ޕްރޮސެކިއުޓަރު ޖެނެރަލްކަމަށް އައްޔަންކޮށްފި ނަމަ، ޕްރޮސެކިއުޓަރުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށްދެއްވައި، ރިނިއުމަރޭޝަން ޕެކޭޖުތައް ބަލައި އިސްލާހުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.