ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގްބޫލު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން އާ ވެބް ސީރީޒެއް އިއުލާންކޮށްފިއެވެ.
އެ ކުންފުންޏަށް 18 އަހަރު ފުރުމާއެކު ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކުރިއިރު "ގިސް" އަކީ ދެން އެންމެ އަވަހަށް އެ ކުންފުނިން ގެނެސްދޭނެ ވެބް ސީރީޒް ވެސްމެއެވެ. އަންނަ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒް މީޑިއާނެޓުން ބެލޭނެއެވެ. "ބިބީ" ގެ ޑައިރެކްޓަރު ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ސީރީޒްގެ ކާސްޓު އަދި ފައިނަލެއް ނުކުރެއެވެ. އަވަސް މުސްތަގްބަލެއްގައި ފިލްމުގެ ކާސްޓް އަދި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޑާކްރެއިނުން ބުނެއެވެ.
އެ ކުންފުނިން ގެނެސްދިން މަގްބޫލު ވެބް ސީރީޒްތަކުގެ ތެރޭގައި "ގިރިޓީ ލޯބި" އަދި "ރޫމީއާ ޖަންނަތު" ހިމެނެއެވެ. ޑާކްރެއިނުން ދެން އެންމެ އަވަހަށް އޮލިމްޕަހަށް ގެންނާނެ ފިލްމަކީ "ބިބީ" އެވެ. މި ފިލްމަކީ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ޝަރަފް އަބްދުﷲ ފިރިހެން ލީޑުން ފެނިގެންދާއިރު ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ.
ބެލުންތެރިން ބިރުގަންނުވާލުމަށް ފަހު ހެއްވާލާނެ މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ.