މި ސީޒަންގެ ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިވެއްޖެއެވެ. މި ސީޒަންގައި އާ ކޯޗެއްގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލް ބަލިވީ އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޯރަސްޓް އަތުން 1-0 އިންނެވެ.
މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. އެހެން ނަމަވެސް ނޮޓިންގްހަމްގެ ކުޅުންތެރިން ވަނީ ހިތްވަރާއެކު ޑިފެންޑްކޮށް ގޯލަށް އަންނަ ކޮންމެ ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފް ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި ނިމުނު އިރު މެޗުގެ ހަމައެކަނި ލަނޑު ނޮޓިންހަމްއިން ޖެހީ މެޗުގެ ދެވަނަ ހާފްގައެވެ. މި ގޮތުން، މެޗުގައި އެޓީމުން ހެދި ފުރަތަމަ ޝޮޓް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް ލީޑު ނަގާ ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކެލަމް ހަޑްސަން އެޑޯއީއެވެ.
މިއީ ލިވަޕޫލްގެ ކޮޅަށް މި ސީޒަންގައި ވަތް ފުރަތަމަ ގޯލުކަން ވެސް ފާހަގަކުރަން ޖެހެއެވެ. މެޗުގެ ބާކީ އޮތް ބައިގައި ލިވަޕޫލުން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 1-0 އިން ނޮޓިންހަމް ކުރީގައި އޮވެގެންނެވެ.
ސީޒަންގެ ހަތަރު ވަނަ މެޗުން ލިވަޕޫލް ބަލިވި ނަމަވެސް މިދިޔަ އަހަރު ޗެމްޕިއަން ސިޓީ މިވަނީ އަނެއްކާވެސް މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ބްރެންޓްފޮޑާ ކުޅުނު މެޗުގައި ސިޓީގެ ގޯލަށް މެޗުގެ 1 ވަނަ މިނެޓްގައި ލަނޑެއް ވަނެވެ.
އެހެން ނަމަވެސް މާ ގިނަ އިރު ތަކެއް ނުވެ ސިޓީއިން އެއްވަރު ކުރި އިރު މިލަނޑު އެޓީމަށް ޖަހާ ދިނީ އާލިންގް ހާލެންޑެވެ.
ހާލެންޑް ވަނީ މެޗުގައި އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ސިޓީއަށް ކަށަވަރުކޮށް ދީފައެވެ. މިއީ މިސީޒަންގައި ހާލެންޑް ސިޓީއަށް ޖަހާ ދިން 9 ވަނަ ލަނޑެވެ. ކުޅުނު ހުރިހާ މެޗުގައި މޮޅުވި ސިޓީ މިހާރު ވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ.
މިއަދުގެ އެހެން މެޗުތަކަށް ބަލާ އިރު މެންޗެސްޓާ ޔުނައިޓެޑް ވަނީ އަލަށް ޕްރޮމޯޓްވި ސައުތްހެމްޓަން 3-0 އިން ބަލިކޮށްފައެވެ.