ދިވެހި ފިލްމު "ކަމަނާ" ބެލުމަށް ގިނަ ބެލުންތެރިން އެދެމުންދާތީ އިއްޔެ އިތުރު ތިން ޝޯ ހުޅުވާލިއިރު ތިން ގަޑިއިރު ތެރޭ ތިން ޝޯގެ ޓިކެޓް ވިކި ހުސްވެފައިވާތީ އަނެއްކާވެސް ފިލްމުގެ އިތުރު ދެ ޝޯ ދެއްކުމަށް ސެޓާން ސްޓޫޑިއޯ އިން ނިންމައިފިއެވެ.

އިއްޔެ މެންދުރު 14:00 ގައި އޮލިމްޕަސް ކައުންޓަރު ހުޅުވާލިއިރު ސެޓާން ސްޓޫޑިއޯ އިން އާންމުކުރި ވީޑިއޯގައި ފެންނަނީ އޮލިމްޕަސް ތެރޭގައި ޓިކެޓް ގަންނަން ގިނަ ބަޔަކު ކިޔު ހެދިފައި ތިބި ތަނެވެ. ޑިމާންޑް ބޮޑުވުމާ ގުޅިގެން ފިލްމުގެ އިތުރު ދެ ޝޯ އެއް އަޅުވަން ނިންމާފައިވާއިރު މި ފިލްމު އަޅުވާނީ 14 ސެޕްޓެމްބަރު ގެ ހަވީރު 15:30 ގެ އިތުރުން ހަމަ އެދުވަހުގެ ރޭގަނޑު 23:30 ގައެވެ. މި ދެ ޝޯގެ ޓިކެޓް މިއަދު މެންދުރު 14:00 އިން ފެށިގެން އޮލިމްޕަސް ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ.

ޖުމްލަ 27 ޝޯ އާއެކު މި ފިލްމުގެ ޝޯތަކުގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާއިރު މި ފިލްމަކީ ފަހުގެ ތާރީހެއްގައި ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދިވެހި ފިލްމު ކަމަނާ އަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.

ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. "ކަމަނާ" ފިލްމަކީ މާސްޓާޕީސްއެކެވެ.