މިއަހަރު އޮލިމްޕަހުގައި އެޅުވި އެންމެ ކާމިޔާބު ފިލްމު "ކަމަނާ"ގެ އިތުރު ތިން ޝޯއެއް އަޅުވަން ނިންމައިފިއެވެ.

ފިލްމުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވި ކަމުގެ ރެކޯޑު ހެދި ދިވެހި ފިލްމު "ކަމަނާ" ބެލުމަށް ގިނަ ބެލުންތެރިން އެދެމުންދާތީ ސެޓާން ސްޓޫޑިއޯ އިން ވަނީ ފިލްމު ނުބެލި ހުރި ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދީފައެވެ. އެގޮތުން 10 އަދި 11 ސެޕްޓެމްބަރުގައި 23:30 ގެ ޝޯއެއް އަޅުވަން ނިންމައި 13 ސެޕްޓެމްބަރުގައި ވަނީ ހަވީރު 15:30ގައި އަޅުވަން ނިންމާފައެވެ. މި ތިން ޝޯގެ ޓިކެޓް މާދަމާ 14:00 އިން ފެށިގެން އޮލިމްޕަސް ކައުންޓަރުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފިލްމު ނުބެލި، ބަލަން ބޭނުންވެފައި ތިބި ބެލުންތެރިންނަށް ރަނުގެ ފުރުސަތެކެވެ.

ޖުމްލަ 27 ޝޯ އާއެކު މި ފިލްމުގެ ޝޯތަކުގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާއިރު މި ފިލްމަކީ ފަހުގެ ތާރީހެއްގައި ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދިވެހި ފިލްމު ކަމަނާ އަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.

ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. "ކަމަނާ" ފިލްމު ތާރީހުގައި ރަންއަކުރުން ލިޔެވިއްޖެއެވެ.