ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަހުގެ ތެރޭ ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމަށާއި 20 އަހަރު ދުވަހަށް ޖަލަށްލުމަށް އޭނާގެ މައްޗަށް ހުކުމްކުރިއެވެ.

އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިނުވާތީ އެ ފައިސާ ހޯދަން ދައުލަތުން ދައުވާކުރި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަދީބުގެ ފަރާތުން ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން ދައުލަތަށް ހުށަހެޅުމަށްޓަކައި ހަތް ދުވަހުގެ ފުރުސަތެއް ދިނުމަށް އަދީބުގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

އެކަމަކު ދައުލަތުން އެދިފައިވަނީ ފައިސާ ދެއްކުމަށް ހުކުމްކުރާ ދުވަހުން ފެށިގެން އެއް މަހުގެ ތެރޭ އެ ފައިސާ ދައުލަތަށް ދެއްކުމަށް އެންގުމަށެވެ.

ސިވިލް ކޯޓުން ހުކުމްކުރީ ދައުލަތަށް އަދީބު ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ މީރާ އަށް އެއްކޮށް ދައްކައި ހަލާސްކުރުމަށެވެ.

އަދީބު 20 އަހަރަށް ޖަލަށްލި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް އަދީބުގެ އަދަބު ލުއިކޮށްދެއްވައި ވަނީ މިނިވަންކުރައްވައިފައެވެ. އެހެންވެ އެކަމާ ގުޅިގެން އާންމުންގެ ފާޑުކިއުން ވެސް އަމާޒުވިއެވެ.