ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވި ކަމަށް ބުނާ ބައެއް ހަބަރުތައް، ރާއްޖޭން ބޭރުގައި މިވަގުތު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޮގުކުރައްވައިފިއެވެ.

މީޑިއާގައިވާ ގޮތުން، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު އަދީބުގެ ދިރިއުޅުން ވަނީ ސިންގަޕޫރަށް ބަދަލުކޮށްފައެވެ.

ނަމަވެސް އެ ވާހަކަތައް އޭނާ ދޮގުކުރެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާ ހޯއްދެވުމަށް ކަމަށް
  • ފަރުވާ އަށް ފަހު އަނބުރާ ވަޑައިގަންނަވާނެ ކަމަށް

އެކަމަކު ފަރުވާކުރައްވަނީ ކޮން ބައްޔަކަށް ކަމާއި ފަރުވާ އަށް ހޭދަވާނެ މުއްދަތު އަދީބުގެ ޕޯސްޓުގައި ހާމަނުކުރައްވައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ލާފައިވާ އަދީބަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މައާފު ދެއްވީ މި މަހުގެ 13 ވަނަ ދުވަހުގައެވެ. އެއަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ކުރިން އަދީބު ބޭރަށް ފުރާވަޑައިގެންނެވިކަން އޭނާގެ އަރިސް ބޭފުޅަކު ކަށަވަރުކޮށްދެއްވިއެވެ.

އެކަމަކު އަދީބުގެ ދަތުރުގެ އިތުރު ތަފްސީލެއް ނުދެއްވިއެވެ

2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

އަދީބުގެ އިތުރުން، ސޯލިހު ދެން މައާފު ދެއްވީ އެ މައްސަލައިގައި 32 އަހަރަށް ޖަލަށް ލާން ހުކުމްކުރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.

ސޯލިހު 2018 ގައި ވެރިކަމަށް ވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ގެއްލުނު ފައިސާ ހޯދުމަށް ވައުދުވެވަޑައިގަތުމަށްފަހުގައެވެ. އެ މައްސަލަަ ތަހްގީގުކުރުމަށްޓަކައި އެސެޓް ރިކަވަރީ ކޮމިޝަނެއް ވެސް އެމަނިކުފާނު އުފެއްދެވި ނަމަވެސް، އެ ވައުދު ނުފުއްދި، އޭގެ ބަދަލުގައި ދެ ބޭފުޅުންނަށް މައާފު ދެއްވުމުން، ބައެއް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އާންމުން ވަނީ ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.