ސިނަމާލެ ބްރިޖުގެ ލޭންތަކަށް ބަދަލު ގެންނެވީ އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރުގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި، އެ ލޭންތަކުގެ ތެރެއިން ބައިސްކަލު ދުއްވަން އޮތް ލޭން ޖޮގިން ލޭންއަކަށް ބަދަލު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖުގެ ލޭންތަކާ ގުޅޭ މައްސަލައިގައި ރައްޔިތުންނަށް ހަގީގަތް އެނގުން މުހިންމު ކަަމށް ވިދާޅުވެ ފޭސްބުކްގައި އަދީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖުގެ ޑިޒައިންނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، ސްޓަކްޓަަރަލް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ބްރިޖު އިފްތިތާހު ކުރި އިރު ވެސް އޮތް ގޮތަށް ލޭންތައް ހުރި ކަން ހާމަ ކުރައްވަމުން އަދީބު ވިދާޅުވީ، އޭރުވެސް އޮތް ބައިސްކަލްު ދުއްވާ ލޭން މިހާރުވެސް އެބަ އޮތް ކަމަށެވެ. އެ ލޭން އަކީ މިހާރު ޖޮގިން ކުރުމަށް ބޭނުން ކުރާ ލޭން ކަމަށާއި އެ ގޮތަށް ނިންމެވީ އޭރު ރައީސްގެ މަގާމުގައި ހުންނެވި ޔާމީން އާއި އިކޮނޮމިކް ކައުންސިލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔަމީން މިއަދު އެ ކަން ކުރެއްވި ގޮތް ހަނދުމަފުޅު ނެތީ ކަމަށާއި ޔާމީން އަކީ ހަނދުމަފުޅު ބަލިކަށި ބޭފުޅެއްގެ ގޮތުގައި އަދީބު ސިފަ ކުރެއްވިއެވެ. އެ ގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ވެސް މޭސްތިރިއަކީ ރައީސް ޔާމީން ކަމަށާއި އެންމެ ފަހު ވަގުތު އެ ކަން ވެސް ނިންމާލެއްވީ އަދީބާއި އޭރުގެ އެމްއެމްޕީއާރްސީގެ އެމްޑީއަކަށް ހުންނެވި އަހްމަދު ޒިޔަތުގެ ބޮލުގައި އެ ތުހުމަތުތައް އަޅުއްވާފައި ކަމަށް އަދީބު ވިދާޅުވިއެވެ. ހަމައެގޮތަށް ބްރިޖުގެ ކަންކަން ވެސް މިއަދު ރައީސް ޔާމީން އެ އަޅުއްވަނީ އެ ވަގުތު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒުގެ އިސްތަށިފުޅުގައި ކަަމަށް އަދީބު ވިދާޅުވިއެވެ.

އެގޮތުން ރައީސް މުއިއްޒުގެ މައްޗަށް ޔާމީން ކުރައްވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަފުޅުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ފުރިހަމަ ބްރިޖެއްގެ ގޮތުގައި އަދީބު ސިފަ ކުރެއްވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެ ބްރިޖާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމިން ދައްކަވާ ވާހަކަފުޅުތަކަކީ ޗައިނާއިން ވެދިން އެހީއާ ދެކޮޅު ހަދައި އެ ގައުމާ މެދު ދައްކާ ބަދު ވާހަކައެއް ކަމުގައި އަދީބު ވިދާޅުވިއެވެ.

އެ ބްރިޖްގެ މަސައްކަތުގައި އެތައް ދިވެހިންތަކެއްގެ ބުރަ މަސައްކަތް ވެސް ހިމެނޭ ކަން ފާހަގަކ ކުރައްވައި އެ ލިސްޓުގައި މި ވަގުތު ކޮންސްޓްރަކްޝަން މިނިސްޓަރުގެ މާގާމުގައި ހުންނެވި ޑރ. އަބްދުލްމުއްތަލިބްގެ ނަމާއި ރައީސް މުއިއްޒުގެ ނަން އަދީބު ފާހަގަ ކުރެއްވިއެވެ. އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން އެހާ ފުރިހަމަ ބްރިޖެއް އަޅާފައިވާ އިރު، މިއީ އެކަމާ އުފާ ކުރަން ޖެހޭ ކަމެއް ކަމަށާއި ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ. މިއީކީ ސިޔާސީ ކުރެވޭނެ ކަންކަން ނޫން ކަމަށާއި ތާރީހަކީ އޮޅުވާލެވޭނެ އެއްޗެއް ނޫން ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

ދޮގު މައުލޫމާތު ފަތުރައިގެން މީހުންގެ އަގު ވައްޓާލުމަކީ މިހާރު އާންމުވަމުން އަންނަ ކަމެއްގެ ގޮތުގައި ފާހާގަ ކުރައްވަމުން އަދީބު ވިދާޅުވީ، މިފަދަ ކަންކަމުގެ ތެދުދޮގު ހާމަ ކުރެއްވުމަށް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.