ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ "ކަމަނާ" އަންގާރަ ދުވަހުގެ ރޭ ސްކްރީނަށް އަންނާނެއެވެ.
މި ފިލްމަކީ ބުރަ މަސައްކަތުން އުފައްދާފައިވާ ތަފާތު ފިލްމެއްކަން ފިލްމުގެ ޕްރޮމޯޝަނަށް ބަލައިލުމުންވެސް އެނގެއެވެ. ފިލްމުގެ ޓިކެޓް ވިއްކަން ފެށުމާއެކު ފިލްމަށް ލިބެމުން ދިޔައީ އާދަޔާ ހިލާފު ތަރުހީބެކެވެ. ޝޯތައް ގާތްތާތުގައި ފުލްވެ، ބެލުންތެރިންގެ ތާއީދު ބޮޑުވުމުގެ ސަބަބުން ފިލްމުގެ ޝޯތައް ރޭގަނޑު 11:30 ގައި ވެސް ދައްކަން ވަނީ ނިންމާފައެވެ.
ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ރޭ ކަމަށްވާ މި މަހުގެ 27 ވަނަ ދުވަހުގެ ރެއިން ފެށިގެން އަންނަ މަހުގެ 14 ހަމައަށް ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފައްޗާއި ހުކުރު ދުވަހުގެ ރޭ ދެ ޝޯ ދައްކަން ވަނީ ނިންމައިފަ އެވެ. އެއީ ރޭގަނޑު 8:30 ގެ ޝޯގެ އިތުރުން 11:30 ގައެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް ބަތަލާ މަރިޔަމް އައްޒަ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ؛ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ގެވެށި އަނިޔާގެ ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑަައިރެކްޓްކޮށްފައިވާ މި ފިލްމުގެ އަނެއް ލީޑަކީ މަރިޔަމް ރަޝްފާ (އާޝާ) އެވެ.
ގެވެށި އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ އަންހެން ކުއްޖެއްގެ ވާހަކަ އަކަށް ބިނާކޮށް އުފައްދާފައިވާ “ކަމަނާ” އަކީ އައްޒަ އާއި ޔޫއްޕެ ފިލްމެއްގެ ބޮޑު ލީޑު ރޯލަކުން އެއްކޮށް ފެނިގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ. މި ފިލްމު ކުޅުމަށް ބަތަލާ އައްޒަ ވަނީ އޭނާގެ ބަރުދަން ވަރަށް ބޮޑަށް ބަރުކޮށްފައެވެ.