ޑާކްރެއިން އެންޓަޓެއިންމަންޓުން ދެން އެންމެ އަވަހަށް ސްކްރީނަށް ގެންނަ ފިލްމު "ބިބީ" ގެ ރަސްމީ ޕޯސްޓަރު ދައްކާލައި ފިލްމު އަޅުވާ ތާރީހު އިއުލާން ކޮށްފިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ރިން މި ފިލްމަށް ދިން ނަމަކީ "އަވަ" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ވަނީ "ބިބީ" އަށް ބަދަލުކޮށްފައެވެ. މި ފިލްމަކީ ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމީ ދާއިރާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޝަރަފްގެ އެކްޓިން ވަނީ ބެލުންތެރިން ބަލައިގެންފައެވެ. ބެލުންތެރިން ބިރުގަންނުވާލުމަށްފަހު ހެއްވާލާނެ މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. އަންނަ މަހުކުރީ ކޮޅު ފިލްމުގެ ޓްރެއިލާ އާންމުންނަށް ދައްކާލަން ހަމަޖެހިފައިވާއިރު މި ފިލްމު ވެގެންދާނީ އެ ކުންފުނިން މިއަހަރު އޮލިމްޕަހަށް ގެންނަ ދެވަނަ ފިލްމަށެވެ.
ޑާކްރެއިނުން އޮލިމްޕަހަށް ގެނައި އެންމެ ފަހު ފިލްމަކީ "ފުރޭތަ" އެވެ. އެ ފިލްމަކީ ވެސް އެކްޓަރު ޝަރަފް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.