ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓުކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިފަދައިން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފަސޭހައިން ކާބޯކެތީގެ މައްސަލަ ރިޕޯޓް ކުރެވޭނެ ނިޒާމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ހަލީލް ވިދާޅުވީ އެފަދަ މައްސަލަތައް ހުށަހެޅުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ހާއްސަ ނަންބަރެއް ގާއިމް ކުރާނެ ކަމަށެވެ.
ހަލީލް ވިދާޅުވީ އެ ނަންބަރަށް ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް އެ ތަންތަނުގެ ފޮޓޯ ހިއްސާކުރުމުން، އެތަންތަން ބަލއިފާސްކޮށް. ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އާންމުންގެ އެހީ ލިބޭ ވަރަކަށް ދެވޭ ހިދުމަތްތައް ވަރުގަދަ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެމްއެފްޑީއޭގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގައި ވެސް ހާއްސަ ނަންބަރުތަކެއް ގާއިމްކުރާނެ ކަމަށާއި އެ ނަންބަރުތަކަށް ރިޕޯޓްކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިގންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި ރައްކާތެރި ނޫން ކާބޯތަކެތި އުފައްދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެމީހާއަކީ ބިދޭސީއެއްނަމަ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އޭނާ ޑީޕޯޓް ކުރާނެ ކަމަށާއި ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން އަދަބު ކަނޑައެޅޭ މީހެއްނަމަ އެ އަދަބެއް އެމީހަކަށް ދެވިގެންދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ރަޖިސްޓްރީކޮށްގެން ކާބޯތަކެތި އުފައްދާ 1،579 ތަނެއް ބަލާފާސްކޮށްފައިވާކަން ހަލީލް ފާހަގަ ކުރެއްވިއެވެ. ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާތީ އޭގެތެރެއިން 14 ތަނެއް ބަންދުކުރި ކަމަށާއި ގާނޫނަށް ފެއްތުމަށްފަހު އޭގެތެރެއިން 13 ތަނެއް އަލުން ހުޅުވާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަލީލް އިތުރަށް ވިދާޅުވި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކާބީތަކެތީގެ މައްސަލަތަކާ ގުޅޭ 136 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.