ޕީއެންސީގެ އެތެރޭގެ އިންތިހާބު އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މި އިންތިހާބުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރުން އެކިއެކި މަގާމުތަކަށް އައްޔަން ކުރެވޭނެ ކަމަށެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބަށް މިއަދު ހުޅުވާލާފައި ވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 ކަމަށް ޕީއެންސީއިން ބުނެއެވެ. އަދި އިންތިހާބުގައި ވޯޓުލުމާއި ވާދަކުރުމުގެ ހައްގު ލިބިފައި ވަނީ ހަމައެކަނި ޕީއެންސީގެ މެންބަރުންނަށް ކަމަށާއި މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރަކަށްވާ ކޮންމެ މީހަކަށް ވެސް އިންތިހާބުގައި ވޯޓުލުމާއި އިންތިހާބުގައި ވާދަކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށް ޕީއެންސީއިން ބުނެއެެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ޕާޓީގެ ދަފްތަރުގައި މިހާރު ނުހިމެނޭ 50 މެންބަރުންގެ ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ދާއިރާގެ ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 25 މެންބާޝިޕް ފޯމް ހުށަހަޅަން ޖެހޭނެ ކަމަސް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ދާއިރާގެ ރައީސުން ހޮވުމަށްހަމަޖެހިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާއެއްގައި ޕީއެންސީގެ މެންބަރުން ނެތް ދާއިރާތަކަށް ކަމަށެވެ. އަދި އެ ދާއިރާގައި ޕީއެންސީގެ މެންބަރެއް ހުރިނަމަ ރައީސްއަކީ އެ މެންބަރެއް ކަމަށެވެ. އަދި ހުރިހާ ދާއިރާއަކަށް ވެސް ނައިބު ރައީސުން ހޮވާނެކަން ހަލީލް ފާހަގަކުރެއްވިއެވެ.

ވޯޓާސް ލިސްޓް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު އިއުލާނު ކުރުމަށްފަހު، ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށާއި ފައިނަލް ލިސްޓު އާންމު ކުރާނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި އިންތިހާބުގެ ވޯޓު ނެގުން އޮކްޓޫބަރު 19ގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.