ގަވައިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދާ ވިޔަފާރިތައް ބަންދުކުރުމުން، އެ ތަންތަން ދެން އަލުން ހުޅުވޭނީ ގަވައިދަށް ފައްތައި، ކަމާބެހޭ އިދާރާތަކުން ހުއްދަދިނުމުން ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، މިއަދުން ފެށިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އުފައްދާފައިވާ ޓާސްކްފޯހުގައި އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ) ހިމެނޭނެ ކަމަށާއި، ފުލުހުންނާއި އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި އެ އިދާރާތަކުން ބައިވެރިވާނެ ކަމަށެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އިމިގްރޭޝަނުން ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގަމުންދާ ރެއިޑްތަކުގެ ތެރެއިން، އާންމުންގެ ސިއްހަތަށް ނުރައްކާތެރި ކާބޯތަކެތި އުފައްދާ ތަންތަނާއި އާންމު ސިއްހަތަށް ނުރައްކާވާގޮތަށް އިންތިޒާމްކުރެވިފައިވާ ތަންތަން އެ މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ގަވައިދާ ހިލާފަށް ހިންގާ، ސިއްހަތާ ގުޅުންހުރި ވިޔަފާރިތައް ބަންދުކޮށް މާދަމާއިން ފެށިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވިޔަފާރިތަކުގެ ރެޖިސްޓްރާ މަރިޔަމް ވިސާމް ވިދާޅުވީ، އެ މިނިސްޓްރީން ބަލައި ފާސްކޮށް، ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވާނެ ކަމަށާއި، އެ ވިޔަފާރިތައް ހިންގަން އަލުން ހުއްދަ ދޫކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ވަކި އިޖުރާއަތުތަކެއް ފުރިހަމަވުމުން ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރިތައް ރަޖިސްޓްރީކޮށްފައިވޭތޯ އާއި ވިޔަފާރިކުރުމުގެ ލައިސެންސް އޮތްތޯ ބަލާނެ ކަމަށާއި، ނޫންނަމަ އެ ވިޔަފާރިއަކަށް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެއާއެކު އިހްސާން ވަނީ މިހާރު ވެސް ސްޕާތައް ރެއިޑްކޮށް އެ ތަންތަނުގައި ހަށިވިއްކަމުންދާ ބިދޭސީން ހައްޔަރުކުރާކަން ފާހަގަކުރައްވައި، ޓާސްކްފޯހަށް ގެނައި ބަދަލާ އެކު އެ ތަންތަން ބަންދުކުރުވާނެ ކަމަށް ވިދާޅުވެައެވެ. އެ ތަންތަން އަލުން ހުޅުވޭނީ، އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް އަލުން ފެތި، މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުންނެވެ.

"ހަމަ އެގޮތަށް އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ތަންތަން، އެއީ ބަދިގެއެއް ވިޔަސް ރެސްޓޯރަންޓެއް ވިޔަސް ނުވަތަ ކެފޭއެއްގެ ގޮތުގަ ހިންގިޔަސް ނުވަތަ ފިހާރައެއްގެ ފަހަތުގަ ހިންގަމުންދާ އަމަލެއް ކަމުގަ ވިޔަސް، އެ ތަން އަޅުގަނޑުމެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އޮތޯރިޓީގެ ދަށުން ބަންދުކޮށްފަ އެ ތަން ތަޅުއަޅުވާނަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހީންނާ މެދު މިއަދުން ފެށިގެން އަޅަމުން ދާނެ ކަމަށާއި، އެގޮތުން އެފަދައިން ކަންކުރާ ދިވެހީން ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.