މާލޭގެ މަގުތަކުގައި ނުގަވައިދުން ޕާކްކޮށްފައިހުރި އުޅަނދުފަހަރު ގަވައިދަށް ފެއްތެން ދެން ވަގުތީގޮތުން ޕާކްކުރާނެ ހުސް ބިމެއް، ޓްރާންސްޕޯޓް މިނިސްޓްރީންނާއި އެޗްޑީސީން ހަމަޖައްސައިފިއެވެ.
އެމްއޭސީއެލް ފްލެޓްތައް ކުރިމަތީގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖް ކައިރީގައި އޮންނަ ހުސްބިން އެކަމަށް ހަމަޖައްސައި އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީ އާ އެ ބިން ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު މުހައްމަދު އަމީނެވެ.
އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ގާނޫނާއި ގަވައިދާ ހިލާފަށް މާލޭގައި ގިނަ އުޅަނދުފަހަރު ޕާކުކޮށްފައި އެބަހުރި ކަމަށާއި، އެކަން އެހެން ދިމާވީ ގިނަ ދުވަސް ވަންދެން އާންމުންނަށް ގަވައިދާ ހިލާފަށް ޕާކްކުރުމަށް ފުރުސަތު ދެވުމުގެ ސަބަބުން ކަމަށެވެ. ހަމަ އެހެންމެ ދިގު މުއްދަތެއް ވަންދެން ގަވައިދާ ހިލާފަށް ކަންކަން ކުރަމުން ދިއުމުގެ ސަބަބުން ކުއްލިއަކަށް ގަވައިދަށް ފެއްތުމަށް އާންމުންނަށް ދަތިވެފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންވެ، ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުފަހަރު ގަވައިދަށް ފެއްތުމަށް ފުރުސަތު ދިނުމަށްޓަކައި މުއްދަތެއް ދީ އެ އުޅަނދުފަހަރު ވަގުތީގޮތުން ބެހެއްޓުމަށް ބިމެއް ހަމަޖައްސައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގައި އެޗްޑީސީން ދިން އެހީތެރިކަން ފާހަގަކުރައްވައި އެ ކޯޕަރޭޝަނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އެއާއެކު އެ ބިމަށް ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި އުޅަނދުފަހަރާއި ރަޖިސްޓްރީނުކުރާ އުޅަނދުފަހަރު ގެނައުމަށް މިނިސްޓްރީން މިއަދު އިއުލާނެއް ނެރޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެގޮތަށް ބެހެއްޓީމަ ވާނެ ގޮތަކީ އޭރުން ޓޯ ކުރުމުގަ ލިބޭ ގެއްލުމެއް ވެސް ނުލިބޭނެ، އަދި ޓޯ ކޮށްގެން ދައްކަން ޖެހޭ ޖޫރިމަނާއެއްވެސް ނުލިބޭނެ (ދައްކާކަށް ނުޖެހޭނެ)،" އޭނާ ވިދާޅުވިއެވެ.
އެކަމަކު މި ޖާގަ ދެވެނީ ހަ މަސް ދުވަހަށް ކަމަށާއި މިކަން ކުރަނީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ބިމުގައި އުޅަނދުފަހަރު ބެހެއްޓުމުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ މީހުންނަށް ފަސޭހަވެގެން ދާނެއެވެ.
40 ހާސް އަކަފޫޓުގެ މި ބިމުގައި ހަތަރު ފޮރޮޅުލީ 200 ވަރަކަށް އުޅަނދުފަހަރު ބެހެއްޓޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވައެވެ.
މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިހުރި އުޅަނދުފަހަރު ގަވައިދަށް ފެއްތުމަށް ފުރުސަތެއް ދޭން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.