ވަކި ގަނޑިތަކެއްގައި، މުދާ އުފުލާ އެއްގަމު އުޅަނދުތަކާއި ބަރު އުޅަނދުތައް މާލެ އަދި ހުޅުމާލޭގައި ދުއްވުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރިތަނަކަށް ހެދުމަށްޓަކައި، ހާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަހައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާންމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލްތަކުގެ ސަރަހައްދުތަކުގައި އެފަދަ އުޅަނދެއް ދުއްވުމާއި، އެފަދަ އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މުދާ އުފުލުން މަނާކޮށްފައިވާ ވަގުތުތައް:
- ހެނދުނު 6 އިން ހެނދުނު 8:30އަށް
- ހެނދުނު 11:30 އިން މެންދުރު 1:30އަށް
މިވަގުތުތަކުގައި ދުއްވުން މަނާވާނީ، 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތައް، ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރެވެ. އެހެންކަމުން އެފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން އެ ގަޑިތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އަދި މި ނިންމުމާ ހިލާފުވާ ފަރާތްތަކާއި މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
