ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ "އީވީޓޯލް" ޑްރޯން އަކީ ރާއްޖޭގެ އެކި ރަށްރަށަށް ސިއްހީ އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފިދާނެ އުޅަނދެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ތިމާވެށްޓާ ރައްޓެހި އަދި އަޑުމަޑު ޒަމާނީ އުޅަނދެކެވެ. މި ޒަމާނީ ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިފަދަ އިލެކްޓްރިކް ޑްރޯންތައް ބޭނުންކޮށްގެން ރަށްރަށަށް ފޯރުކޮށްދެވިދާނެ މުހިންމު ހިދުމަތްތަކެއް އެބަހުރިކަމަށެވެ.
އެގޮތުން އެއް ރަށުގެ ހެލްތު ފެސިލިޓީން އަނެއް ރަށެއްގައި ހުންނަ ލެބޯޓްރީތަކަށް ސާމްޕަލްތައް އަވަހަށް ގެންދިއުމާއި ބޭހާ، ވެކްސިނާ އަދި ފަރުވާއަށް ބޭނުންވާ މުހިންމު އެހެނިހެން ތަކެތި އުފުލުމަށް މި ޑްރޯން ބޭނުންކުރެވިދާނެކަމަށެވެ. މީގެ އިތުރުން ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި ފަސްޓް އެއިޑް ކިޓާއި އެ ނޫންވެސް ކޮންމެހެން ބޭނުންވާ ސާމާނު އުފުލުމުގެ އިތުރުން އެއާކްރާފްޓްގެ ޑިޒައިނަށް އެކަށީގެންވާ ބަދަލުތައް ގެނެސްގެން ސިއްހީ ކަންކަމުގައި މީހުން އުފުލުމަށްވެސް ބޭނުންކުރެވޭނެކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މިއީ މިހާރު ބޭނުންކުރާ ފެރީ، ލޯންޗު ނުވަތަ ޑޮމެސްޓިކް ފްލައިޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗަކަށް ނުވިޔަސް މީގެ ސަބަބުން އެ ހިދުމަތްތަކަށް ވަރަށް ބޮޑު ލުއިކަމަކާ ފަސޭހައެއް ގެނެސްދޭނެ ކަމެކެވެ. އަދި މި ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްވުމާއެކު، އާ ސިނާއަތްތައް އުފެދި، އޭވިއޭޝަން ދާއިރާގެ ޕައިލެޓުންނާއި ޓެކްނީޝަނުންނަށް، އަދި މެއިންޓަނެންސާ، ބެޓެރީ ޗާޖިން އަދި ސޮފްޓްވެއާ އުފެއްދުމުގެ ރޮނގުން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި އީވީޓީއޯއެލް އުޅަނދުތަކުގެ ދަތުރުފަތުރު ތައާރަފުކުރުމަށް މީގެ ކުރިން ވެސް މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އޮގަސްޓް 2024 ގައި ވަނީ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ދުބާއީއަށް ނިސްބަތްވާ ކެޕިޓަލް ވިންގްސް އަދި އެއާ ޝަޓޯ ޑީޑަބްލިއުސީއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އާރުއޭސީއެލްއިން ބުނީ "ޕްރޮޖެކްޓް އެލެވޭޓް މޯލްޑިވްސް" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމާޒަކީ ރާއްޖޭގެ 1،200 އަށް ވުރެ ގިނަ ރަށް ގުޅުވާލުމަށްޓަކައި 100 ވާޓިޕޯޓާ، ޑްރޯންޕޯޓުގެ ވިއުގައެއް ގާއިމުކޮށް، ވައިގެ ޓެކްސީ އާއި މުދަލާއި ފަސިންޖަރުން އުފުލުމުގެ ހިދުމަތް ފެށުންކަމަށެވެ،
