ރަސްމީ ދަތުރެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދި އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަމީރުގެ މި ދަތުރަކީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް އަރުއްވާނެ ކަމަށާއި، ސައުދި އަރަބިއްޔާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ސައުދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓާއި ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދަތުރުގައި މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އެމްބަސެޑާ އެޓް ލާޖް އަހްމަދު ނަސީރާއެކު ދިވެހި ސަރުކާރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިސްޓަރު ޒަމީރު ވަނީ މި މަހުގެ 6 ވަނަ ދުވަހު ފަލަސްތީން މައްސަލައާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ކުއްލި ބައްދަލުވުމަކަށްވެސް ސައުދި އަރަބިއްޔާއަށް ވަޑައިގެންފައެވެ. އެ ބައްދަލުވުމަކީ ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިރާނުގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމެކެވެ.