ރާއްޖެއަކީ ސައުދީގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ގައުމެއްކަމަށާއި، އެކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި އިންވެސްޓްމަންޓް މާހައުލު އިތުރަށް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށާއި ސައުދީ ސަރުކާރާއި އާންމު ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަހަރުގެ ސައުދީ ގައުމީ ދުވަހުގެ ޝިއާރު ކަމަށްވާ "އަހަރެމެންގެ ފަހުރު ގުޅިފައިވަނީ އަހަރެމެންގެ ތަބީއަތާ" މި ޝިއާރަށް އަލިއަޅުވާލައްވާ، ސައުދީ މުޖުތަމައުގައި އޮތް ހިތްވަރާއި، ދުރުވިސްނުމާއި، އެކުވެރިކަމާއި، ދީލަތިކަމުގެ ސިފަތަކަށް ތައުރީފު ކުރެއްވިއެވެ.

އަދި ދެގައުމުގެ ދެމެދުގައި އޮތީ ހަމައެކަނި ޖޯގްރަފީ ގޮތުން ގުޅިފައިވާ ގުޅުމެއް ނޫންކަމަށާއި، އެއަށްވުރެ ބޮޑަށް އިސްލާމީ އުހުއްވަތްތެރިކަމާއި، ހަމަހަމަ އުސޫލުތަކާއި، ގަދަރާއި އަހުވަންތަކަމުގެ ބަދަހި ގުޅުމެއް އޮތްކަން ފާހަގަކުރެއްވިއެވެ.

އެއާއެކު ރައީސް ވަނީ ސައުދި އަރަބިއްޔާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމުގައި ފާހަގަކުރައްވާފައެވެ. މައްކާ ރޫޓް އިނިޝިއަޓިވް" ގެ ސަބަބުން ރާއްޖޭގެ ހައްޖާޖީންނަށް ލިބުނު ލުއިފަސޭހަކަމާއި، މާލޭގައި ހުރި ކިންގް ސަލްމާން މިސްކިތަކީ ދެގައުމުގެ މެދުގައި އޮތް ދީނީ އަދި އެކުވެރިކަމުގެ ރަމްޒެއްކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން ރާއްޖޭގެ ދަތުރުފަތުރާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީގެ ދާއިރާތަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސް ހާއްސަ ޝުކުރެއް ވަނީ އަދާކުރައްވާފައެވެ.

ރައީސް ވަނީ ރާއްޖޭގައި ސައުދީގެ ބިޒްނަސްތަކަށް އިންވެސްޓްމަންޓްގެ ފުރުސަތުތައްފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، ސިއްހީ ދާއިރާ، އިއާދަކުރެވިނިވި ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ސައުދީ ވިޔަފާރިތަކަށް ރާއްޖޭގައި ބޮޑެތި ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ދެގައުމުގެ މެދުގައި ސޮއިކުރެވުނު "ޗާޓާ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" އަކީ ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ދިޔަކަމުގެ ހެެއްކެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް މުއިއްޒު ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖެއިން އޮތީ ސައުދީގެ އިންވެސްޓްމަންޓްތަކަށާއި ތަރައްގީގެ ބައިވެރިވުމަށް ފުރިހަމައަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށާއި، ސައުދީ ވިޔަފާރިތަކަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ގޮތަށް މާހައުލު ބައްޓަންކޮށްދެއްވާނެ ކަމަށެވެ.