މި އަހަރުގެ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް މިއަދު ފުރާވަޑައިގެންފިއެވެ.

ފްރާންސްގައި ބާއްވާ "ޕެރިސް 2024 އޮލިމްޕިކްސް" ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުލައި 26 ވާ ހުކުރު ދުވަހުއެވެ. ރައީސް އޮފީހުން ބުނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ކުރައްވާ މި ދަތުރަކީ ފްރާންސްގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓާ ނައިބު ރައީސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖޭގެ އެތްލީޓުންނާ އާދިއްތަ ދުވަހު ބައްދަލުކުރައްވާފައެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ރާއްޖެ ފަސް ކޮންޓިންޖެންޓުން ތަމްސީލުކުރާއިރު، މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރެވެ.

މީގެއިތުރުން މިއީ ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާ ފަހަރެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

ރައީސް އޮފީހުން ބުނީ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލާނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމް ކަމަށެވެ.