ކުޅިވަރަށް ލޯބިކުރާ ގިނަ ބައެއްގެ ލޯތައް، ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް އަށް ހުއްޓިފައި ވާއިރު، ބްރެޒިލްގެ އެތްލީޓު ގަބްރިއަލް މެޖިނާ، އޭނާގެ ކުޅަދާނަކަން ދައްކާލީ އޮލިމްޕިކް ރާޅާއެޅުމުގެ ތިންވަނަ ދުވަހުއެވެ. އެ މަންޒަރު ކެމެރާގައި ރައްކާކުރީ އެޖެންސް ފްރާންސް ޕްރެސްގެ ފޮޓޯގްރާފަރު ޖެރޯމް ބްރޫލެޓްއެވެ. އެ ފޮޓޯ މުޅި ސޯޝަލް މީޑިއާ ގައި ވައިރަލް ވެފައި ވާއިރު، ހަގީގަތުގައި ވެސް މިއީ ވަރަށް މަދުން ނޫނީ ނުނެގޭ ފަދަ މޮޅު ޝޮޓެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މިއީ، ޕެރިހާ 16،000 ކިލޯމީޓަރު ދުރުން، މޫދުގައި ރާޅާއެޅުންތެރިޔާ މެޖިނާ އޮލިމްޕިކް ބެލުންތެރިންނަށް ހަދިޔާކުރު މުޅި ގޭމްސްގެ އެންމެ ހަނދާނީ އެއް ތަސްވީރުކަން ޔަގީނެވެ. އެ ދުވަހުގެ ރާޅުގެ އުސްމިން 9 ފޫޓާ 10 ފޫޓާ ދެމެދު ހުރި އިރު މެޖިނާއަށް ސާފިން ބޯޑު ދޫކޮށްލެވުނީ އޭނާއަކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ހުރުމުންކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިދިޔަ އަހަރުތަކުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ މެޖިނާގެ ކުޅަދާނަކަމަށް މީގެ ކުރިންވެސް އެތައް ބައެއްގެ ތައުރީފު އޮހިފައިވާއިރު، މެޖިނާގެ މި ފޮޓޯއާއި އެކު އޭނާ 'އުދުހެމުން' ދާތަން ފެނުމުން 'ސުޕަމޭން'ގެ ނަމުން ގިނަ ބަޔަކުވަނީ އޭނާއަށް ނަންދީފައެވެ. އުމުރުން 30 އަހަރުގެ މެޖިނާ، ސާފިން ބޯޑު ދޫކޮށްލުމަށް ފަހު އޭނާގެ އަތް ފަނޑިޔާރުންނަށް އުފުލާލާ މަންޒަރާއެކު، އެވަގުތު ކުރެވުނު އިހްސާސްތައް ވަނީ ހިއްސާކޮށްފައެވެ.
"ރާޅާ އެޅުމަށް ރަނގަޅު ރާޅުތަކެއް ލިބުމުން ހިތްހަމަޖެހުމެއް ލިބުނު. އަހަންނަށް 10 ރާޅާ އަޅާލުމަށް ލިބުނީމަ އަހަރެން އެކަމާވެސް ވަރަށް އުފާވި. އޮލިމްޕިކްސްއަށް މިކަހަލަ ރާޅުތަކުގައި ވާދަކުރުމަކީ ހަގީގަތުގައިވެސް ހުވަފެނެއް. އެއީ އަސްލުވެސް އަހަރެންގެ ހުވަފެނުގައި އޮތް ކަމެއް މިއަދު މިކަން ހަގީގަތަކަށް ވެގެން މިދަނީ އަދި މިކަމުގެ ބައެއްގެ ގޮތުގައި އުޅެވުނީތީ ވަރަށް އުފާވޭ،” އޮލިމްޕިކްސް ޑޮޓްކޮމް އަށް ދިން އިންޓަވިއުއެއްގައި މެޖިނާ ބުންޏެވެ.
މި މޮޅު ފޮޓޯނެގި ބްރޫލެޓް ބުނީ ރާޅުތައް އޭނާ ހީކުރިވަރަށްވުރެވެސް އުސް ކަމަށާ މެޖީނާ އޭނާއަށް ފެންނަނީ ރާޅުތަކުގެ ފަހަތުން ކުޑަކުޑަކޮށް ކަމަށެވެ. ދޯންޏެއްގައި ހުރެގެން މެޖީނާގެ ފޮޓޯތައް ނެގުމުގެ ތެރޭގައި އޭގެ ތެރެއިން އެއް ފޮޓޯއަކީ މި ފޮޓޯކަމަށް ބްރޫލެޓް ބުންޏެވެ. އަދި ކެމެރާއިން ނަގާފައިވާ އެތައް ތަސްވީރަކާއެކު އެޑިޓަރަށް ފޮނުވި މި ފޮޓޯތައް މީޑިއާއަށް ދޫކޮށްލުމާއެކު ވައިރަލްވެގެން ދިއުމުން ހައިރާންވިކަމަށް އޭނާ ބުންޏެވެ.
އޮލިމްޕިކްގައި މެޖިނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އޭނާ ނުކުންނާނީ ބްރެޒިލްގެ ޖޯއާއޯ ޗިއަންކާއާ ދެކޮޅަށެވެ.