ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައެވެ.

ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގްވާމީ މައިދާނުގައި، އޮލިމްޕިކްސް އަދި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުން ކުޅިވަރު ތަރައްގީ ކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ހާއްސަ ކަމެއް ދީގެން އިންގިލާބީ ބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ "ޕެރިސް 2024 އޮލިމްޕިކްސް"ގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދެއްވައި ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓްއެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާފަހަރެވެ.