މިހާރު ކުރަމުންދާ ވިއްސާރައިގައި ފިޔޯރީގައި ފެންބޮޑުވެ 90 އިންސައްތަ ގެތަކަށް ފެންވަދެއްޖެއެވެ.
މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ ދަންވަރު 1:30 އިން ފެށިގެން ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަ ގެތަކަށް ވަނީ ފެންވަދެފައިކަމަށެވެ.
ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައިނުވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭ އިން ބުނީ މިވަގުތު ރަށު ކައުންސިލުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންކަމަށާއި، އަދި ފިޔޯރީ ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.
އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު 16:30 އިން 22:00 ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓުވެސް ނެރެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށް ކަނޑުގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.
