ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓްގް ޕްރިލިމިނަރީ ބުރުން ރާއްޖޭގެ ގައުމީ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ ބަލިވެއްޖެ އެވެ.
މި މެޗުގައި ދީމާ ވާދަކޮށްފައި ވަނީ ޕޮލަންޑްގެ ކަޓާރްޒައިނާ ވޭގަޖަން އާއި އެވެ. ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ 135 ވަނައިގައި އޮތް ކަޓާރްޒައިނާ މެޗު ކާމިޔާބު ކުރީ ފުރިހަމަ 4 ސެޓު ކާމިޔާބުކޮށްގެންނެވެ.
އެގޮތުން 11-05, 11-05, 11-02 އަދި 11-08 ސެޓުތައް ކާމިޔާބު ކުރި ނަމަވެސް ދީމާވެސް ވަނީ ރަނގަޅު ކުޅުމެއް މުޅުމަށް މަސައްކަތް ކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކަޓާރްޒައިނާ ދެ ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ދީމާ ވަނީ ފަހަތުން އަރާ އެއްވަރުކޮށްފައެވެ. އެކަމަކު އޭގެ ފަހުން ކަޓާރްޒައިނާ މެޗު ލީޑުކޮށް ފުރަތަމަ ސެޓު ކާމިޔާބު ކުރީ 11-05 އިންނެވެ.
ދެ ވަނަ ސެޓުގައި އިދިކޮޅު ބައިވެރިޔާ ކަޓާރްޒައިނާ އަށް ޕްރެޝަރުކޮށް ދީމާ ކުޅެފައި ވީ ނަމަވެސް އެ ސެޓު ކާމިޔާބު ކޮށްފައި ވަނީ 11-05 ކަޓާރްޒައިނާ އެވެ. ތިން ވަނަ ސެޓުގައި ދީމާގެ ކުޅުން ދަށް ނަމަވެސް ހަތަރު ވަނަ ސެޓު ފަށައިގެން ފުރަތަމަ ޕޮއިންޓް ހޯދީ ދީމާ އެވެ. މި ސެޓުގައި ދީމާ ވަނީ ކަޓާރްޒައިނާ އަށް ޕްރެޝަރުކޮށް ބޮޑު ލީޑެއް ނެގިޔަ ނުދީ ކުޅެފައެވެ. ނަމަވެސް ހަތަރުވަނަ ސެޓު 11-08 ކާމިޔާބު ކުރީ ކަޓާރްޒައިނާ އެވެ.
މި ނާކާމިޔާބިއަށްފަހުވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދީމާގެ ކުޅުމަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ތިޔަ ހިތްވަރާއި މޮޅު ކުޅުމަށް މުޅި ގައުމު ފަހުރުވެރިވާ" ކަމަށެވެ.
ދީމާއަކީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ބައިވެރިޔާއެވެ. މި މަހުގެ 26 އިން އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގައި ދީމާގެ އިތުރުން ބެޑްމިންޓަނާއި ސްވިމިންގެ އިތުރުން އެތުލެޓިކްސް ހިމެނޭ ގޮތަށް، ޖުމްލަ ފަސް ދިވެހި އެތުލީޓުން އޮލިމްޕިކްސްގައި ވާދަ ކުރެ އެވެ.
ދީމާ ވަނީ މީގެ ކުރިންވެސް ޜާއްޖެއަށް ރީތި ނަން ހޯދާ ދީފައެވެ. އެގޮތުން ދީމާގެ އުމުރުން އެންމެ 11 އަހަރުގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ވަނީ ހޯދާދީފައެވެ. އެފަހަރު އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ.