ފްރާންސްގައި ފެށިގެންދާ އޮލިމްޕިކްސް އަށް ދުނިޔޭގެ އެކި ގައުމުތަކުން ކޮންޓިންޖެންޓުން ހާޒިރު ވަމުން ދިޔަ އިރު ދެކުނު ކޮރެއާގެ ޓީމު, އުތުރު ކޮރެއާގެ ޓީމުގެ ގޮތުގައި ތައާރަފު ކުރެވުނު މައްސަލައެއް ބޮޑުވެ މައާފަށް އެދިއްޖެއެވެ.
ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބާޝް ވިދާޅުވީ, އެއީ އޮޅުމަކުން ހިނގި ކަމެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ދެކޮރެއާ ބައިވީއްސުރެ ހަތުރުންގެ ގޮތުގައި ތިބި ދެކޮރެއާގެ ތެރެއިން އުތުރު ކޮރެއާ އަކީ, ދެކުނަށް ޖެއްސުންކުރުމުގައި ވެސް އަރާ އޮތް ގައުމެކެވެ. އަބަދާ އަބަދު ބަހުގެ ހަމަލާތައް ބަދަލު ކުރުމާއި, ދެކުނު ކޮރެއާ އަށް ބިރު ދައްކަން އަސްކަރީ ހަތިޔާރު ޓެސްޓް ކުރުމާއި ދެކޮރެއާ ގުޅޭ ކަނޑަށް ހަމަލާތައް އަމާޒު ކުރުމާއި, ކުނިއަޅާ ފުރާފައި ހުންނަ ގޯނިތައް ބޮޑެތިސިންގާ ބެލޫންތަކުގައި ޖަހާ ދެކުނު ކޮރެއާގެ ތެރެއަށް ފޮނުވުން ފަދަ ކިތަންމެ އުނދަގުލެއް ކުރެއެވެ. ހަމައެގޮތަށް އުތުރަށް ޖެއްސުން ކުރުމަށް ދެކުނު ކޮރެއާއިން ޕޮޕް އާޓިސްޓުންގެ ލަވަ ހިމެނޭ ޕެންޑްރައިވްތައް ބެލޫންގައި ޖަހާ އުތުރު ކޮރެއާއަށް ފޮނުވުން ފަދަ ސަމާސާ ކަންތައްތައް ކުރެއެވެ.
އޮލިމްޕިކްސްގައި ދެކުނު ކޮރެއާގެ ތައާރަފު ދިން ގޮތް ނުބައިވި މައްސަލައިގައި އެގައުމުން ވަނީ އޮލިމްޕިކް ކޮމިޓީއަށް ޝަކުވާ ހުށަހަޅާފައެވެ. އަދި އެފަދަ 'މިސްޓޭކެއް' ތަކުރާރު ވެގެން ނުވާނެ ކަމަށް ވިދާޅުވެ ދެކުނު ކޮރެއާގެ ރައީސް ޔޫކް ސުކް ޔިއޯލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިފަހަރުގެ އޮލިމްޕިކްސް އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދާ އިރު އެންމެ ބޮޑު ފާދުކިޔުމެއް އަމާޒުވެފައި ވަނީ, އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި އީސާއީ ދީނަށް ފުރައްސާރަ ކޮށް އަދި އީސާގެފާނަށް ކުޑައިމީސްކޮށް ހުށަހަޅައިދިން ހުށަހެޅުމަށެވެ. އެ ހުށަހެޅުމުގައި އެއް ޖިންސުގެ ގުޅުން ޕްރޮމޯޓު ކުރުމަށް ހިތްވަރު ދިނުމާއި ފިރިހެނުން އަންހެން ހެނދުން އަޅައިގެން ނެށުންފަދަ ކިތަންމެ ކަމެއް ކޮށްފައި ވެއެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ކޮންޓިންޖެންޓެއްވެސް ބައިވެރިވެއެވެ.