ހުޅުމާލެ ފޭސް 1 ގައި ހިންގި މާރާމާރީއާ ގުޅިގެން ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 8 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފްއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ ސައިކަލުގައި ގޮސް ހުޅުމާލެ ރެޑްވޭވް ކައިރި މަޑުކުރި ވަގުތުގައެވެ.

ނަޒީފްގެ ނިތްކުރި އަދި ބޯފަޅާލާފައި ވާއިރު، އޭނާގެ މޫނުގެ ބޮޑު ބައެއް ވަނީ ދުޅަވެފައެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.

މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި މާރާމާރީގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އަދި މިފަދަ ގިނަ މާރާމާރީތައް ހިންގަނީ ކުށްކުރާ ގޭންގުތަކުންކަން ފާހަގަކުރެވެއެވެ.