ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 2.27 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް، ޕީސީބީން އާންމުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.

ޕީސީބީން މިއަދު ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި، އެސްއޯއީތަކަށް އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 4.02 ބިލިއަން ރުފިޔާ (އާމްދަނީގެ 30 ޕަސެންޓު) ހިއްސާކުރަނީ އެސްޓީއޯއިން ކަމަށް، މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައި ވެއެވެ.

އެކަމަކު ހަރަދުތަކަށް ކެނޑުމުން 2.27 ބިލިއަން ރުފިޔާގެ ގެއްލުމެއް އެސްއޯއީތަކަށް ވެފައިވާކަން ރިޕޯޓުން ދައްކައެވެ. އަދި 164.39 ބިލިއަން ރުފިޔާ އިން 178.14 ބިލިއަން ރުފިޔާ އަށް އެސްއޯއީތަކުގެ އެސެޓް ވެލިއު އިތުރުވެފައިވާ ކަމާއި، 113.41 ބިލިއަން ރުފިޔާގެ ދަރަންޏެއް ވާ ކަން ވެސް ރިޕޯޓުން ދައްކައެވެ.

ރިޕޯޓުގައިިވާ ގޮތުން، ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރީ އެޗްޑީސީންނެވެ. އެޗްޑީސީ އާ ހަވާލާދީ ޕީސީބީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، އެ ކޯޕަރޭޝަނަށް ގެއްލުންވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ޔޮޓް މެރީނާ މަޝްރޫއު ކުރިއަށް ނުގެންދެވުމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔޫޓިލިޓީ ނެޓްވޯކެއް އަޅަން ސްޓެލްކޯއިން ލިބެން ޖެހޭ ފައިސާ ނުލިބުމުން އިތުރަށް ހަރަދުކުރަން ޖެހުމެވެ.

މީގެ އިތުރުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މައާފުކުރުން ލިބުނު ގެއްލުމާއި ފްލެޓްތަކުގެ ކުޑަކުރުމުގެ ސަބަބުން ވެސް އެޗްޑީސީ އަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ، އެސްއޯއީތަކުން މުވައްޒަފުންގެ މުސާރައަށް 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ލިބޭ އާމްދަނީ އަށް ވުރެ ގިނައިން މުވައްޒަފުންގެ މުސާރައަށާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވާ ކަމަށް ދައްކައެވެ. އެ ކުންފުނިތަކަކީ:

  • ކައްދޫ އެއާޕޯޓު ކުންފުނި: އާމްދަނީގެ ގޮތުގައި ލިބުނީ 2.96 މިލިއަން ރުފިޔާ، މުސާރަ އާއި އިނާޔަތްތަކަށް 6.14 މިލިއަން ރުފިޔާ ހަރަދުކުރި
  • ރީޖަނަލް އެއާޕޯޓު ކުންފުނި: އާމްދަނީގެ ގޮތުގައި ލިބުނީ 7.65 މިލިއަން ރުފިޔާ، މުސާރަ އާއި އިނާޔަތްތަކަށް 20.61 މިލިއަން ރުފިޔާ ހަރަދުކުރި
  • އައްޑޫ އެއާޕޯޓު ކުންފުނި: އާމްދަނީގެ ގޮތުގައި ލިބުނީ 3.28 މިލިއަން ރުފިޔާ، މުސާރަ އާއި އިނާޔަތްތަކަށް 11.69 މިލިއަން ރުފިޔާ ހަރަދުކުރި

އެ ރިޕޯޓުން ފާހަގަވި ގޮތުގައި ނިމިދިޔަ އަހަރު ނިމުނުއިރު، އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ވަނީ 34،369 މީހުންނަށް އިތުރުވެފައެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ 3،483 މުވައްޒަފުންގެ އިތުރުވުމެކެވެ. ރިޕޯޓުގައިވާ ގޮތުން، މުވައްޒަފުން އެންމެ ގިނަ އެސްއޯއީތަކަކީ:

  • ފެނަކަ ކޯޕަރޭޝަން: 7،132 މުވައްޒަފުން (2022 އަށް ވުރެ 682 މުވައްޒަފުން އިތުރު)
  • އެމްޓީސީސީ: 4،777 މުވައްޒަފުން (2022 އަށް ވުރެ 734 މުވައްޒަފުން އިތުރު)
  • އެމްއޭސީއެލް: 4031 މުވައްޒަފުން (2022 އަށް ވުރެ 308 މުވައްޒަފުން އިތުރު)