ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ފާއިތުވި ދެ ދުވަހު ޖުމްލަ 15 ބިދޭސީން ހައްޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ މި މަހުގެ 8 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުން ދާ ކުދި ރީޓެއިލް ފިހާރަތަކާއި ޓޭކް އަވާ ކޮފީ ޝޮޕްތަކުގެ ތެރެއިން 03 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި އެތަންތަނުން ޖުމްލަ 9 ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ޖުމްލަ 4 ތަނެއް ބަލާފައިވާއިރު، 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެކެވެ. މިކަން ތަންފީޒު ކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ ރެއިޑް އޮޕަރޭޝަންތަކެއް ވަނީ ފަށާފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީންނަށް ގާނޫނުގައި ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެން ވެއެވެ.