މާލޭގެ ދިލްބަހާރުމަގުގައި ހިންގާ ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދާ 31 ބިދޭސީން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، އިއްޔެ ހަވީރު އެތަންތަން ބަލާ ފާސްކޮށްފައި ވަނީ މާލޭގެ ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ކަމަށެވެ. އެ ތަންތަނުގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅެމުންދާ ކަމަށް ގިނަ އަދަދަކަށް ރިޕޯޓް ލިބިފައިވާ ކަމަށް ވެސް އިމްިގްރޭޝަނުން ބުނެއެވެ.
އިއްްޔެ ހިންގި އޮޕަރޭޝަންގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ 31 ބިދޭސީން އަތުލައިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވައިދާ ހިލާފަސް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 7 ވަނަ ދުވަހު މާލޭގައި ހިންގަމުންދާ ޓޭކްއަވޭ ކެފޭއެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ. ހަމައެއާއެކު މި މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި 10 ފިރިހެނުންނާއި 5 އަންހެނަކު ހިމެނެއެވެ.
މިއާއެކު މި މަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ޖުމްލަ 47 ބިދޭސީން މި ވަނީ އަތުލައިގެންފައެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކޮށްފައެވެ. ހުއްދަނެތް ވިޔަފާރިތައް ކުރުމާއި ގަވައިދާ ހިލާފަށް އުޅުމުގެ އިތުރުން ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަނީ 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
މީގެ އިތުރުން ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް ފަށައި މި މައްސަލަ ހައްލުކުރުމަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ އިރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިދިޔަ ދޮޅު އަހަރު ތެރޭ ވަނީ ހޯދާފައެވެ.