ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަމިއްލަ މީހަކު ޕްލައިވުޑް އަދި ޓިމްބާ ގޮތުގައި ޑިކްލެއާކޮށް، އެމްޕީއެލް ބަނދަރުން ނެރުނު ދެ ކޮންޓެއިނަރަކުން ވެހިކަލްތަކެއް ނެރެފައިވާ މައްސަލަ ކަސްޓަމްސް އިން ވަނީ ސިވިލް ކޯޓުގައި ހުށަހަޅާފައެވެ. އެ ދެ ކޮންޓެއިނަރުން ޖުމްލަ 22 ވެހިކަލާއި ސްޕެއާ ޕާޓްސްތައް ހުރި އިރު، އެ ތަކެތި އޭނާ އެތެރެ ކޮށްފައި ވަނީ ކަސްތާމްގެ ގަވައިދާ ހިލާފަށް ވަގަށެވެ.

ކަސްޓަމްސް އިން ކޯޓުގައި ބުނީ ރާއްޖެއަށް މުދަލުގެ ގޮތުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރި ކަން ވަނީ ތަހުގީގުގައި ސާބިތުވެފައި ކަމަށާއިއެ މުދާ ދައުލަތަށް ނަގައިދިނުމަށް އެދޭ ކަމަށެވެ.

މި މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، އެ ވެހިކަލްތަތަކީ ދައުވާ ލިބޭ މީހާ އާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށް އޭނާ ބުންޏަސް، އެ މުދާ އެތެރެކޮށްފައި ވަނީ އޭނާގެ ޔޫސާ ނޭމާއި ޕާސްވާޑް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ލޮގިން ބޭނުން ކުރީ އޭނާ ނޫން ކަމަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެ މުދަލަކީ ވަގަށް އެތެރެކޮށްފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާތީ، 22 ވެހިކަލާއި ސްޕެއާ ޕާޓްސްގެ މައްޗަށް ހިމެނޭ މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާ ކަމަށް ކަނޑައަޅާ ކަމަށް އެ ހުކުމްގައި ބުނެފައި ވެއެވެ.