ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ކޮސްޓާ ރީކާ 0-3 އިން ބަލިކޮށް ކޮލަމްބިއާ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ވެސް މޮޅުވި ކޮލަމްބިއާ ރޭގެ މެޗުގައި ލަނޑެއް ޖަހާ ލީޑު ނެގީ މެޗުގެ 31 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ލިވަޕޫލްގެ ފޯވަޑް ލުއީސް ޑިއޭޒްއެވެ.

މެޗުގައި ކޮލަމްބިއާއިން ދެން ޖެހި ދެލަނޑު ވެސް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. މިގޮތުން ސްކޯ 2-0 އަށް ހެދި ލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ 59 ވަނަ މިނެޓްގައި ސަންޗޭޒްއެވެ. އަދި އޭނގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެޗުގެ 62 ވަނަ މިނެޓްގައި ހަމާސް ރޮޑްރީގޭޒްގެ އެސިސްޓަކުން ކޮރްޑޯބާ ވަނީ ލަނޑެއް ޖަހާ ސްކޯ 0-3 އަަކަށް ހަދާފައެވެ.

މި މޮޅާއެކު ލިބުނު ތިން ޕޮއިންޓުން ކޮލަމްބިއާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. އަދި އެޓީމަށް ކުއާޓާއިން ޖާގަ ކަށަވަރުވެފައިވާ އިރު ގްރޫޕް ސްޓޭްގެ ފަހު މެޗުގައި ކޮލަމްބިއާ ވާދަކުރާނީ ބްރެޒިލްއާއެވެ.

ޕެރަގުއޭ ކޮޅަށް ބްރެޒިލް އިން 4 ލަނޑު ޖަހާ ބްރެޒިލް ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ބްރެޒިލް ކޮޕާ 2024ގައި ކުޅުނު ފުރަތަމަ މެޗުން 0-0 އިން އެއްވަރުވި ރޭ އެޓީމުން ވަނީ ޕެރަގުއޭ ކޮޅަށް 4 ލަނޑު ޖަހާފައެވެ. މިގޮތުން، ރިއާލް މެޑްރިޑްގެ ފޯވަޑް ވިނީސިއަސް ޖޫނިޔާ ރޭގެ މެޗުގައި ދެ ލަނޑު ޖެހި އިރު އަނެއް ދެ ލަނޑު ޖަހާ ދީފައިވަނީ ސަވިއޯ އަދި ލޫކަ ޕަކަޓާއެވެ.

ބްރެޒިލް ޖޫނިޔާ ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

މިމެޗުގައި ޕެރަގުއޭއިން ވެސް ލަނޑެއް ޖަހާފައިވާ އިރު މިލަނޑު މެޗުގެ 48 ވަނަ މިނެޓްގައި ޖަހާ ދިނީ އަލްޑެރޭޓޭއެވެ. އަދި މެޗުގެ 81 ވަނަ މިނެޓްގައި ޕެރަގުއޭގެ ކޫބާަސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މިމެޗު ނިމުނީ 4-1 އިން ބްރެޒިލް ކުރީގައި އޮވެގެންނެވެ. މިއީ ކޮޕާ އެމެރިކާ 2024 މުބާރާތުގެ މެޗަކުން ބްރެޒިލް މޮޅުވި ފުރަތަމަ ފަހަރެވެ. އެޓީމަށް ޖުމްލަ 4 ޕޮއިންޓް ލިބިފައިވާ އިރު ކުއާޓާއިން ޖާގަ ކަށަވަރުވާނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކޮލަމްބިއާ އަތުން ރަނގަޅު ނަތީޖާއެއް ނެރެވިގެންނެވެ.