އަންނަ މަހު ލ. އަތޮޅުގައި ބާއްވާ އުރީދޫ 'ފަން ރަން'ގެ ބައިވެރިންނަށް، ފަން ރަންގެ ޓްރެވަލް ޕާޓްނަރު، ގައުމީ އެއާލައިން މޯލްޑިވިއަނުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން، ލ. އަތޮޅުގައި އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ފަން ރަންގެ ބައިވެރިންނަށް މާލެ-ކައްދޫ ދެކޮޅު ޓިކެޓު 2،488 ރުފިޔާ އަށް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން، މޯލްޑިވިއަނުން އަގުތަށް ކަނޑައަޅާފައިވާ ހާއްސަ ރޫޓްތަކަކީ:

  • އަންނަ މަހުގެ ހަތަރަކުން ފަހަކަށް، މާލެއިން ކައްދު އަށް
  • އަންނަ މަހުގެ ހަޔަކުން ހަތަކަށް، ކައްދުއިން މާލެ އަށް

އާންމު ގޮތެއްގައި މާލެ-ކައްދޫ ދެކޮޅު ދަތުރެއްގެ އަގު އުޅެނީ 2،927 ރުފިޔާއަށެވެ. ނަމަވެސް މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ފަން ރަންގެ ބައިވެރިންނަށް 439 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ފަން ރަންގެ ބައިވެރިން އޯޑާ އައިޑީ އާ އެކު އީމެއިލް ސަބްޖެކްޓެއްގެ ގޮތުގައި "އުރީދޫ ފަން ރަން، ލާމު" ޖެހުމަށް ފަހު އީމެއިލްކުރުމަށް، އުރީދޫން އެދެއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، ޓްރެވަލް ޕާޓްނަރުގެ ހައިސިއްޔަތުން ގައުމީ އެއާލައިންގެ މަގްސަދަކީ ގިނަ ބަޔަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މި ޕްރޮމޯޝަނާ ގުޅޭ ގޮތުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ، މޯލްޑިވިއަންގެ މި ޕްރޮމޯޝަންގެ ސަބަބުން މި ދުވުމުގެ ބައިވެރިންނަށް ފަސޭހަވެގެން ދާނެއެވެ.

އުރީދޫން ކޮންމެ އަހަރަކު ފަން ރަން ބާއްވަނީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓުކޮށް މުޖުތަމައުގެ މެދުގައި އެއްބައިވަންތަކަމާއި އުފާވެރިކަން އާލާކުރުމަށެވެ. ލ. އަތޮޅުގެ އިތުރުން މި އަހަރުގެ ފަހުކޮޅު އުރީދޫގެ ފަން ރަން ހުޅުމާލޭގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.