3000އަށް ވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025 މިއަދު ނިންމާލައިފިއެވެ.

މިއީ ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. އަދި މި ދުވުން އިތުރަށް ފަޅުފިލުވުމަށްޓަކައި ދުވުން ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކެއް ބަހައްޓާފައިވެއެވެ.

ފަން ރަން ނިންމާ ކޮންމެ ދުވުންތެރިޔަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު މި ފަންރަން އަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލް އެއް އުރީދޫއިން ވަނީ ދީފައެވެ. މި މެޑަލްގައި އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ހިމަނާފައިވެއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ އައްޑޫ ސިޓީގެ މޭޔަރަށާއި ހުރިހާ ޕާޓްނަރުންނާއި މުވައްޒަފުންނަށާއި މި ހަރަކާތް ހަގީގަތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.