މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 4 ވަނަ ދުވަސް ކަމަށް އުރީދޫން ބުނެފިއެވެ. .
މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ވެގެން ކުރިއަށް ގެންދާ ޕަބްޖީ މުބާރާތެކެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތް ވެސް މެއެވެ.
އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެއް ކަމަށް އުރީދޫން ބުނެއެވެ. މި ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސްއެވެ. މި ލީގްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާން މި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ވެވޭނެ ފަހު ތާޜީހަކީ އަންނަ މަހުގެ 4 ވަނަ ދުވަސް ކަމަށް އުރީދޫން ބުނެއެވެ.
މި މުބާރާތުގެ އިނާމަށް މުޅިއަކު 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ އިރު މި މުބާރާތުގައި އިނާމުތައް ބަހާލާފައި ވަނީ ޗެމްޕިއަން އަށް 25،000 ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތްތަކަށް 12،000 ރުފިޔާ، 3 ވަނައަށް ހޮވޭ ފަރާތަކަށް 6،000 ރުފިޔާއެވެ. ހަމައެއާއެކު 4 ވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ އަދި އެމްވީޕީއަށް 4،000 ރުފިޔާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބައިވެރިވުމުގެ ގައިޑްލައިންގައި ބުނާ ގޮތުގައި ކޮންމެ ޓީމަކަށް މަދުވެގެން 6 ކުޅުންތެރިން ހިމަނަންވާނެއެވެ. އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބި ނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން ހިމްނަން ވާނެއެވެ، މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ މިގޮތަށް ނަން ކިޔަންވާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެކެވެ. މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމްތައް ބައިވެރިވާނެ ކަމަށް އުރީދޫން އުންމީދު ކުރެއެވެ.