ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި މުބާރާތުގެ 16 އަށްދާ ޓީމުތައް މިހާރު ކަށަވަރުވެފައިވާ އިރު ފައިނަލަށް ދަތުރު ކުރާނެ މަގުތައް ވެސް މިހާރު މިވަނީ ކުރަހާލާފައެވެ.
ދެވަނަ ބުރަށް ދާ އިރު މިހާރު މިވަނީ 6 ގްރޫޕުން ދެ ފަޅިއަށް ޓީމުތައް ބެހިފައެވެ. ގްރޫޕް ސްޓޭޖަށް ފަހު ޓީމުތައް ބެހިގެން އައި ގޮތުން ދެ ފަޅީގައި ބޮޑު ތަފާތުތަކެއް ހުރި އިރު އެންމެން ވެސް ބުނަމުން އަންނަނީ އެއް ފަޅި އާދިޔާ ހިލާފަށް ބަރު ކަމަށެވެ.
މިގޮތުން، އެއް ފަޅީގައި މުބާރާތުގެ ހޯސްޓް ޖާމަނީ، މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ސްޕެއިން، ޕޯޗުގަލް، ފްރާންސް އަދި ބެލްޖިއަމް ވެސް ހިމެނެއެވެ. މީގެ މާނައަކީ މުބާރާތުގެ ފައިނަލްއަށް ދާނީ މި ފަޅިން އެއް ޓީމެކެވެ. އަނެއް ފަޅީގައި އޮތީ އިންގްލޭންޑް، ނެދެލޭންސްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއެވެ.
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަމުންދާ ނަމަ އެއް ކަމެއް ސާފުވާނެއެވެ. މުބާރާތުގައި މިހާތަނަށް އެންމެ މޮޅު އަދި ފޯރިގަދަ ކުޅުމެއް ދައްކާފައިވަނީ ކުދި ޓީމުތަކުންނެވެ. އޮސްޓްރިއާ، ޖޯޖިއާ، ތުރުކީ، އަދި ރޯމެނިއާގެ ފަރާތުން ބަލާ ހިތްވާ ކަހަލަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ބޮޑެތި ބައެއް ޓީމުތަކަށް ދޭން ޖެހޭނީ 10 އިން 5 އެކެވެ.
އިންގްލޭންޑް އަދި ބެލްޖިއަމް ފަދަ ޓީމުތަކަށް އެބުނާ މޮޅު ކުޅުމެއް ނުދެއްކުނު އިރު މި ޓީމުތަކުގެ އަމިއްލަ ސަޕޯޓަރުން ވެސް ވަނީ އެންމެ ފަހު މެޗުތަކުގައި ޓީމުތަކަށް ހަޖޫ ޖަހާ 'ބޫ' އަޅުވާފައެވެ. ހޯސްޓް ޖާމަނީ އަދި ޗެމްޕިއަން އިޓަލީގެ ފަރާތުން ވެސް ބައެއް ފަހަރު ފޫހި ކުޅުމެއް ފެނިގެން ދިޔަ އިރު މުބާރާތުން ކަޓައިގެން ދިޔަ ޔޫކްރެއިން އަދި އަލްބޭނިއާގެ ފަރާތުން ވެސް މާ ހިތް ހަމަޖެހޭ ކުޅުމެއް ފެނިގެން ދިޔައެވެ.
ގަދަ 16 ގެ މެޗުތައް
- އިޓަލީ - ސުވިޓްޒަލޭންޑާ (ޖޫން 29، ރޭގަނޑު 9 ޖަހާ އިރު)
- ޖަމަނީ - ޑެންމާކާ ދެކޮޅަށް ( ޖޫން 30، ދަންވަރު 12 ޖަހާ އިރު)
- އިންގްލޭންޑް - ސްލޮވާކިއާ (ޖޫން 30، ރޭގަނޑު 9 ޖަހާ އިރު)
- ސްޕެއިން- ޖޯޖިއާ (ޖުލައި 1، ދަންވަރު 12 ޖަހާ އިރު)
- ފްރާންސް- ބެލްޖިއަމް (ޖުލައި 1، ރޭގަނޑު 9 ޖަހާ އިރު)
- ޕޯޗުގަލް-ސްލޮވޭނިއާ (ޖުލައި 2 ދަންވަރު 12 ޖަހާ އިރު)
- ރޯމޭނިއާ-ނެދެލޭންޑްސް (ޖުލައި 2، ރޭގަނޑު 9 ޖަހާ އިރު)
- އޮސްޓްރިއާ-ތުރުކީ (ޖުލައި 3، ދަންވަރު 9 ޖަހާ އިރު)
މިދެ ދުވަހު ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ އެއްވެސް މެޗަށް ނުކުޅޭނެ އިރު ދެން އެންމެ އަވަހަށް މުބާރާތުގެ މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ.