އައްޑޫ ޑީވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖު، އަންނަ ޖުލައިމަހު އާންމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމުގެ މަސައްކަތްކުރަމުން އަންނަކަމުގައި މިނިސްޓްރީ އޮފް ކޮންސްޓްރެކްޝަން އެންޑް އިންފްރާސް ސްޓަރްކްޗާ އިން ބުނެފިއެވެ.

ކޮންސްޓްރެކްޝަން މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއާ ބްރިޖު މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ. މި ބްރިޖުގެ މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތަފްސީލު ދެމުން އެ މިނިސްޓްރީން ބުނީ ދެން ކުރަންޖެހޭ މަސައްކަތްތަކަކީ ކްރޭޝް ބެރިއާ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމާ, މި މަސައްކަތްކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތަށް ބްރިޖުގެ ދަށުން ނެގުން ކަމަށެވެ.

މި މަގުގައި ތާރު އަޅުމުގެ މަސައްކަތް މި އަހަރު އެޕްރީލް މަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގައި ތާރު އަޅާފައިވަނީ ދެ ބްރިޖާ އަދި ތިން އެމްބޭންކްމަންޓްސްގައި ކަމަށެވެ.

ހަންކެޑެ އާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖުގެ ބަދަލުގައި މިހާރު އަޅަމުންދާ މި ބްރިޖަކީ ލިންކް ރޯޑުން ފެށިގެން ގޮސް، އެސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހުޅުވާލާފައިވާ ހަންކެޑެ، ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. މި ބްރިޖު މަރަދޫ ފަޅިންގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑުގެ މަގުގެ ކޮޅަށެވެ. 1.4 ކިލޯމީޓަރުގެ ހަތަރު ލޭން ހިމެނޭ މި ބްރިޖުގެ ލިންކް ރޯޑްގެ ދިގުމިނުގައި 1.463 ކިލޯމީޓަރެވެ.

މި ބްރިޖު ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. މި މަޝްރޫއަށް ސަރުކާރުން 1.19 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހަމަޖެހިފައެވެ.