ފޯނު ވެއްދުން ހުއްޓުވުމަށް މާފުށި ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ކަމަށެވެ.
އަދި އެ މައްސަލަތައް ހައްލު ވުމުން މުޖުތަމައު ތެރޭގައި ހުރި ސްކޭމް ކޯލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ބޭންކާއެކު ރަނގަޅު އެއްބަސްވުމެއް ހަދައިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުގެ މަތިން މިހާރު ސްކޭމްތަކަށް ހާއްސަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓިކް ތެރޭގައި ގާއިމް ކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި މީހާގެ ފައިސާ ފޭރިގަންނަ ހާލަތުގައި އެ ފައިސާ ރިކަވާ ކުރެވޭނެ މަގު ހޯދުމަށް ޕްރޮޓޮކޯލްސްތައް ހަދަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މާފުށި ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު ސަރުކާރުން ދަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.