ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ، ފައިސާގެ ގިނަ މުއާމަލާތްތަކެއް ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ބަންދުން ދޫކޮށްލަން ޕީޖީން އެއްބަސްވެފައިވާ އިރު އެމީހުން ވަނީ ކުށަށް އިއުތިރާފުވެ ޕީޖީއާއެކު އެއްބަސްވުމެއް ހަދާފައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވަނީ މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
އިހުސާން ވިދާޅުވީ، އެ މައްސަލައިގައި 19 މީހެއްގެ މައްޗަށް ތަހުގީގު ހިންގި ކަމަށާއި، އޭގެތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ފައިސާ ހޯދި މައްސަލައިގައި ކުށް ސާބިތުވާ ވަރަށް ހެކި ލިބިގެން 4 މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ހުށަހެޅި ކަމަށެވެ. އަދިވެސް އެ މައްސަލަތަކުގެ ތަހުގީގު ނުނިމޭ ކަމަށާއި އެ ހަތަރު މީހުން ވެސް ވަނީ ކުރި ކުށަށް އިއުތިރާފު ވެފައި ކަމަށް ޕީޖީން މައުލޫމާތު ދޭ ކަމަށް އިހުސާން ވިދާޅުވިއެވެ. ކުށަށް އިއުތިރާފުވެ، އެ ފަރާތްތަކުން ވަނީ ޕީޖީއާ އެކު އިއުތިރާފު އެއްބަސްވުންތަކެއް ހަދާފައި ކަމަށް އިހުސާން ވިދާޅުވިއެވެ.
އެންމެ ފަހުން ކުރިއަށް ދިޔަ ކޯޓު މަރުހަލާގައި ކަންތައް ވީ ގޮތަށް އިޝަރާތް ކުރައްވަމުން އިހުސާން ވިދާޅުވީ، އެއީ އެއްވެސް ގޮތަކަށް އެމީހުން ކުށެއް ނުކުރާ ކަމަށް ނިންމާފައި އޮތް މައްސަލައެއް ނޫން ކަމަށެވެ. ކޯޓުން އެ އޮފިސަރުން ބަންދުން ދޫކޮށްލީ ޓެކްނިކަލް ކަމަކަށް ރިއާޔަތްކޮށް ދިފާއީ ވަކީލުން ނެގި މައްސަލައަކާ ގުޅިގެން ކަމަށް އިހުސާން ވިދާޅުވިއެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވާ އިރު، އެމީހުން އިތުރަށް ހައްޔަރަށް ނަގަން ނިންމާފައި ނުވާ ސަބަބަކީ އެމީހުން އިއުތިރާފުގެ އެއްބަސްވުން ހަދާފައި ވުމާއި އަދި މި ވަގުތު ޑިއުޓީގެ އެއްވެސް ޒިންމާއެއް އަދާ ނުކުރާ ގޮތަށް ހަމަޖައްސާފައި ތިބުމުން ކަމަށް އިހުސާން ވިދާޅުވިއެވެ.
އެ އޮފިސަރުން ހައްޔަރު ކުރި ސަބަބު ހާމަކުރައްވަމުން އިހުސާން ވިދާޅުވީ، އެ މީހުންނަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާ އާ ނުބައްދަލު ބޮޑު އަދަދުން ފައިސާ އެމީހުންގެ އެކައުންޓުތަކަށް ވަދެފައިވާ ކަން އެނގުމުން ކަމަށެވެ. އަދި އެ ފައިސާ އަކީ އެއްވެސް ވިޔަފާރިއަކާ ގުޅިގެން ލިބެމުންދާ ފައިސާ ނޫންކަން ވެސް ސާބިތުވާ ހިސާބަށް ދިއުމުން ކަމަށް އިހުސާން ވިދާޅުވިއެވެ.
އެމީހުންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ކުރިއަށްދާ ޖިނާއީ ތަހުގީގު މަރުހަލާތައް ނިމުނުން އަޅަން ޖެހޭ އިދާރީ ފިޔަވަޅުތައް އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މި މައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުންގެ ޝަރީއަތް މިހާރު ފެށިއްޖެ ކަމަށާއި އެ މައްސަލަ ވެސް ދަނީ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދާ ސްޕީޑުގައި ކަމަށް އިހުސާން ވިދާޅުވިއެވެ. އެއާއެކު އިހުސާން ވަނީ ޔުނީފޯމްގެ އަގުވައްޓާލައިފި މީހަކު އަނބުރާ މަގާމުގައި ނުބަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.