ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ބުނީ މަރުވީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އ) ކަމަށެވެ.
މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ކަރެކްޝަންސް އިން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާ މަރުވިކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރުގަ އެވެ.
އިމޭނުއަލް އަކީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި މީނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
އިމޭނުއަލް މަރުވުމާ ގުޅިގެން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.