މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް އަދި ހިދުމަތެއް އުނި ނުކުރާ ކަމަށް ބުނެފިއެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ މާފުށީ ޖަލުގައި ތިބި ގިނަ އަދަދެއްގެ ގައިދީންތައް ކަންބޮޑުވުން ފާޅުކޮށް ހަރުތާލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި ތިބި ގައިދީން އަންނަނީ ވާނުވާ އުވާލުމަށް ގޮވާލައި އެ ގައިދީންނަށް ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުންނެވެ. އެގޮތުން އެ ގައިދީންނަށް ބޭސްފަރުވާގެ ހިދުމަތްތައް ވެސް ދިނުމުގައި ލަސްތައް ހުރި ކަމަށް ބުނެ އާއިލާއަށް އެތައް ޝަކުވާއެއް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ޑޮކްޓަރަށް ދެއްކުމަށް ފަހު އިތުރު ޓެސްޓުތައް ހެދުމަށް ބުނި ނަމަވެސް ޓެސްޓުތައް ހެދުމަށް ޑޮކްޓަރަށް ނުދައްކައި އެތައް މަސް ދުވަހުގެ ލަސްތަކެއް ހުރި ކަމަށް އާއިލާތަކުން ފާހަގަކުރެއެވެ. އަދި ބޭސް ލިބުމުގައި ވެސް އެތައް ހުރަސްތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ އާއިލާތަކުން ބުނެފައި ވެއެވެ.

މި ޝަކުވާތަކާ އެކު ޖަލުތަކުގައި ގައިދީން ހަމަނުޖެހުން ހިންގަމުން އަންނަތާ ފަސް ވަރަކަށް ދުވަސް ވެއްޖެއެވެ. މި މުއްދަތުގައި ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ގައިދީން އަންނަނީ ބަނޑުހައިހޫނު ކަމުގެ ހަލުތާލެއް ކުރަމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކަރެކްޝަނުން ބުނީ، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް، ހިދުމަތެއް އުނިކޮށްފައި ނުވާނެ ކަމަށް ވެސް ބުނެއެވެ.

މާފުށީ ޖަލުގައި ތިބި ބައެއް ބަންދު މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނެގި ނަމަވެސް، ވިޔަފާރި އުސޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާ ކަމަށާއި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދު މީހެއްގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ހާއްސަ ފަރުވާއެއް ދީފައިނުވާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.