ޖަލުގެ މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުތުރުތިލަފަޅުގައި ސެންޓްރަލް ޖަލެއް އަޅަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް ޖަލުގެ ހާލަތުތައް ބެލި އިރު، ހުރީ އެންމެ އެދެވޭ މިންގަނޑުތަކަށް ނޫން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ސެންޓްރަލް ޖަލެއް ގާއިމް ކުރަން ނިންމަވާފައި ކަމަށާއި އެ ޖަލު ގާއިމް ކުރާނީ އުތުރުތިލަފަޅުގައި ކަމަށް އިހުސާން ވިދާޅުވިއެވެ.

އެގޮތުން މިހާރު އުތުރުތިލަފަޅުން ހިއްކަން ނިންމާފައިވާ ސަރަހައްދުން 30 ހެކްޓަރުގެ ބިން ވަނީ މި ޖަލު ގާއިމް ކުރުމަށް ކަނޑައަޅާފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ތަނުގައި ވަކި ޖަލެއް ގާއިމްކޮށް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެންދެވޭނެ ގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. މި ޖަލު ގާއިމް ކުރެވުމުން ކަނޑަައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޖަލުތަކުން ދޭ ހިދުމަތްތަކާއި ގައިދީންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ގެންދެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިހާރު ހުރި ޖަލުތަކުގައި މެކްސިމަމް ރިސޯސަސްތައް ބޭނުން ކޮށްގެން ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަން އިހުސާން ފާހަގަ ކުރެއްވިއެވެ. މިހާރު ޖަލުތަކުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި ވަނީ ނަފްސާނީ ގޮތުން ބޭނުންވާ ފަރުވާ ފޯރުކޮށް ދިނުން ކަމަށާއި އެކަން ހައްލު ކުރުމަށް ވެސް އެންމެ އެދެވޭ ގޮތަށް ހިދުމަތް ނުދެވޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިހާރު ވެސް ޖަލުތަކުގައި ނަފްސާނީ ކަންކަމަށް ހާއްސަ ޑޮކްޓަރެއް ފަރުވާ ދިނުމަށް ހުންނަ ކަމަށާއި ކ. މާފުއްޓާއި ހިންމަފުށީގެ ސިއްހީ މަރުކަޒުން ދޭ ހިދުމަތްތައް ފުޅާކޮށް ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެ ދެ މަރުކަޒުގެ ހިދުމަތްތައް ރަނގަޅުވުމުން ޖަލުގެ ގައިދީންނަށް ދެވޭ ސިއްހީ ހިދުމަތްތައް ރަނގަޅު ވެގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިހާރު ޖަލުތަކުގައި ކްލިނިކްތައް ހުރި ކަމުގައި ވިޔަސް ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހިއްޖެ ހާލަތްތަކުގައި ޖަލުގައި ތިބޭ ގައިދީން މާލެއަށް ގެނެސް ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ. މި ގޮތށް ގައިދީން ޑޮކްޓަރަށް ދައްކާ އިރުވެސް ބޮޑު ބެކްލޮގެއް އޮންނަ ކަން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.