ހުޅުމާލެގައި ފޭސް 3 ހިއްކާ ސަރަހއްދުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެ ސަރަހައްދުގައި އަޅާފައިވާ ރަތް ކުލައިގެ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަންޑު އޫލަނޑުތައް ނަގަން އަންގައިފިއެވެ.

ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާ ކަމަށާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ. ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ރަތް ކުލައިން ފާހަގަވާނޭ ގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ބުނެއެވެ.

އަދި މި މަހުގެ 23 ގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމަސް އެކި ފަހަރުގެ މަތިން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

ހުޅުމާލެލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ. އެގޮތުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވަ އިރު، މި މަޝްރޫއު ވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހަވާލުކޮށްފައެވެ.