ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރަށެއްގައި މަސައްކަތްކުރާ ނަމަ، އެ ރަށަކުން ވެސް އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތަށް ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަސް ކުރަމުން އަންނަ ކަންކަން ހަމަ ކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރަށަކަށް އަރާ ބިދޭސީ މީހާއަކީ ކާކުކަން ދެނެގަނެވޭނެ ނިޒާމެއް ނެތް ނަމަ، ގާނޫނުގައި ބަޔާންކޮށްފައި އޮތަސް، އެ ކަން ނުވާނެ ކަމަށެވެ.

އެ ގޮތުން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ބިދޭސީން، ރަށެއްގައި މަސައްކަތް ކުރާނަމަ، އެ ރަށަކުން އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތަށް ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ފަހު، އެ ޑޭޓާ ސިސްޓަމަށް ކައުންސިލްތަކަށް ވަދެވޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުް އަންނަ ކަމަށް މިނިސްޓަރު ފަހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން ފަސޭހާ ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިކަން އެންމެ ފުރިހަމަ އަށް ކުރެވޭނީ ބިދޭސީންގެ ދަފްތަރު ހެދުމަށްފަހު ކައުންސިލްތައް ބާރުވެރި ކުރުވައި ލޯ އެންފޯސްމެންޓުގައި ތިބޭ މީހުންނަށް ވެސް އެ ބާރު ދީގެންކަމަށް އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީންވަނީ "އޮޕަރޭޝަން ކުރަނގި" ފަށާފައެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން މިދިޔަ މެއިމަހުގެ ދެވަނަ ދުވަހު ފެށީ ކ. ހިންމަފުށިންނެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރަން ވަނީ ނިންމާފައެވެ.